








ކްރޮސްރޯޑްގެ އިރުމަތީ ފަރާތުގައި އޮންނަ ފިނޮޅެއް ކައިރިއަށް 11 ދިވެހިންނާއެކު މަހަށް ގޮސް އުޅުނު ޑިންގީއަކަށް ދިޔަވާކަމުގެ މަޢުލޫމާތު ލިބިގެން، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މި ހާދިސާގެ މަޢުލޫމާތު ރޭ 20:11 ހާއިރު ލިބުމާއެކު، އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ "ހާބަރކްރާފްޓް 113" ލޯންޗު، ޑައިވަރުންނާއި ޕަންޕާއެކު ވަނީ އެ ސަރަހައްދަށް ގޮސްފައެވެ. ކޯސްޓްގާޑުގެ ޑައިވަރުން ޑިންގީ ބެލިބެލުމުން، ޑިންގީގެ ބޭރުން އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަން ވަނީ ފާހަގަކުރެވިފައެވެ.
އެހެންކަމުން، ޑިންގީއިން ފެން ހިއްކުމަށްފަހު 3 މީހުންނާއެކު ޑިންގީ ހުޅުމާލެއަށް ދަތުރުކުރިއިރު، ޑިންގީގައި ތިބި 7 އަންހެނުންނާއި، 7 އަހަރުގެ ކުޑަކުއްޖާ ރޭ 21:30 ހާއިރު ސަލާމަތްތެރިކަމާއެކު ކޯސްޓްގާޑުގެ ސިފައިން ވަނީ ހުޅުމާލެއަށް ގެންގޮސްދީފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.








