


.jpg?w=3840&q=75)



2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކާމިޔާބުކުރެއްވުމަށް މަގުފަހިވާނެ އެންމެބޮޑު ސަބަބަކީ ރަސްމާލއ މަޝްރޫއު ކަމުގައި ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ޔޫތު މިނިސްޓަރު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެންމެބޮޑަށް ޖެހިލުންވާ ކަމަކީ ރަސްމާލެ މަޝްރޫޢުގެ ބިޔަކަމާއި އެ މަޝްރޫޢުން ރައްޔިތުންނަށް ލިބޭނެ ފައިދާތަކުގެ ބޮޑުކަމުން ކަމަށެވެ.
މަހްލޫފް ވިދާޅުވީ، ރަސްމާލެ ހިއްކަން ފެށުމާއެކު އެއީ ބޭކާރު ވެލިގަނޑެއް ކަމަށާއި ދިރިއުޅެން ދާނެ ބަޔަކު ނުވާނެ ކަމަށް ކަމަށާއި ބޭކާރު ޚަރަދެއް ކަމަށް ބުނަމުންދިޔަ ކަމަށެވެ. އެހެންނަމަވެސް މިއަދު އެ ވާހަކަތަކުގެ ރާގު މުޅިން ބަދަލުވެފައިވާ ކަމަށާއި ވާދަވެރި ސިޔާސީ ލީޑަރުން ބިރުގަންނަނީ މި ޕްރޮޖެކްޓުގެ ސަބަބުން ރައީސް މުޢިއްޒަށް އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފުރުޞަތު ފަހިވެގެންދާތީ ކަމަށް ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން އެ ފަރާތްތަކުގެ ހަމައެކަނި ބޭނުމަކީ އެކަމަށް ހުރަސްއެޅުންކަމަށާއި އެހެންކަމުން ސިޔާސީ ބަޔަކު ދައްކާ ސިޔާސީ ވާހަކަތަކަށް "ނޫނެކޭ" ބުނަންޖެހޭ ކަން ފާހަގަކުރައްވާ މަހްލޫފު ވިދާޅުވީ މި މަޝްރޫޢަށް ފުރުޞަތުދީ، މިއީ ކޮންމެހެންވެސް ކުރިއަށްގެންދަންޖެހޭ މަޝްރޫޢެއް ކަމަށެވެ.
މި މަޝްރޫޢާ ގުޅުވައިގެން ދެކެވެމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން މަހްލޫފް ވިދާޅުވީ، އިޒްރޭލު ރައްޔިތުން ރާއްޖެއަށް ދަތުރު ނުކުރެވޭނެ ވަރުގަދަ ނިންމުމެއް އެބައޮތް ކަމަށާއި، ޔަހޫދީންނަށް ރަސްމާލެއިން އެއްވެސް ތަނެއް ނުގަނެވޭނެ އަދި އެތަނުގައި ވިޔަފާރިއެއްވެސް ނުކުރެވޭނެ ކަމަށެވެ. މީގެއިތުރުން އެތަނުގައި ރަލާއި އޫރުމަސް ނުވިއްކޭނެ ކަމަށާއި، ކެސީނޯއެއްވެސް ނެހެދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެއާއެކު މި މަޝްރޫޢު ހަވާލުކުރީ ޤާބިލުކަން ހުރި ބިޔަބޮޑު ކުންފުންޏެއް ހިންގަވާ މުސްލިމް ޤައުމެއްގެ މުސްލިމް ވިޔަފާރިވެރިޔަކާ ކަމަށާއި، ބިން ދޫކުރަނީ ކުއްޔަށް ކަމަށްވާތީ އެއީ ދިވެހި ދައުލަތުގެ މިލްކެއް ކަމަށާއި އެތަނުގައި ހިނގާނީ ރާއްޖޭގެ ޤާނޫނާއި ގަވާއިދު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރަސްމާލެ މަޝްރޫޢުގެ އިޤްތިޞާދީ ފައިދާތަކަށް އަލިއަޅުއްވާލައްވަމުން މަހްލޫފް ވިދާޅުވީ، މިއީ 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކަމަށާއި، މީގެ ސަބަބުން ގާތްގަނޑަކަށް 50،000 ވަޒީފާ އުފެދިގެންދާނެ ކަމަށެވެ. އަދި ދިވެހިންނަށް އެތައް ބިލިއަން ރުފިޔާއެއްގެ ކޮންސްޓްރަކްޝަން މަސައްކަތް ލިބުމުގެ އިތުރުން، އަމިއްލައަށް އިންވެސްޓުކުރުމާއި ވިޔަފާރިކުރުމުގެ ފުރުޞަތު ދިވެހިންނަށް ފަހިވެގެންދާނެ ކަމަށެވެ. މީގެ އިތުރުން މި މަޝްރޫޢުގެ ތެރެއިން 5،000 ފްލެޓު ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Rasmale Photo HDC-1765250840714.webp
މަހްލޫފް އިތުރަށް ވިދާޅުވީ، މި އިންވެސްޓްމަންޓުގެ ސަބަބުން ދައުލަތަށް އެތައް ބިލިއަން ޑޮލަރެއްގެ އާމްދަނީ ލިބި، ރާއްޖޭގައި މިހާރު އޮތް ޑޮލަރުގެ މައްސަލަ ޙައްލުކުރުމަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ. އަދި ޑޮލަރުގެ ރޭޓު ރަނގަޅުވުމުން ތަކެތީގެ އަގު ހެޔޮވެގެންދާނެ ކަމަށާއި، ދައުލަތުގެ އާމްދަނީ ބޮޑުތަނުން އިތުރުވުމުން ތަރައްޤީގެ މަޝްރޫޢުތައް އިތުރުވެ، ޢާންމު ރައްޔިތު މީހާގެ އާމްދަނީ އިތުރުވެގެން ދިރިއުޅުން ތަނަވަސްވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ދިވެހި ސަރުކާރާއި، އީމާރް ޕްރޮޕަޓީޒްގެ ބާނީ އަދި އަބޫދާބީގެ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން މުޙައްމަދު އަލައްބާރު ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 12 ބިލިއަން އާއި 20 ބިލިއަން އެމެރިކާ ޑޮލަރާ ދެމެދުގެ އިންވެސްޓްމަންޓެއް އެކުލެވޭ، ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ބަދަލެއް ގެނުވާނެ ތާރީޚީ މަޝްރޫޢެކެވެ. މާލެއާ ގާތްގަނޑަކަށް 20 މިނެޓުގެ ދުރުމިނުގައި އޮންނަ ރަސްމާލެ (ފުށިދިއްގަރު ފަޅު) ގައި މި މަޝްރޫޢުގެ ވަސީލަތްތައް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ އެ ސަރަޙައްދުން ހިއްކާފައިވާ ގާތްގަނޑަކަށް 500 ހެކްޓަރުގެ ބިމުގައެވެ.



.jpg?w=3840&q=75)


