








ހޯމް ސްކޫލިންގެ ފުރުސަތު ފަހިކޮށްދިނުމަކީ އަންހެންދަރިން މި ގައުމުގައި ތައުލީމުން އެކަހެރި ކުރުމެއް ނޫން ކަމުގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ވިދާޅުވެއްޖެއެވެ.
މެމްބަރ މިހެން ވިދާޅުވީ ތައުލީމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައިވާ އިސްލާހުތަކަށް ފާޑު ވިދާޅުވެ، އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަަކަށް ރައްދުދެއްވަމުންނެވެ.
ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ، ތައުލީމާއި ގުޅޭ ބިލުގެ އަމާޒަކީ އަންހެންކުދިން މަދަރުސާއަށް ނުފޮނުވައި އެ ކުދިން ޖާރިޔާއިންނަށް ހެދުމުގެ ހީލަތްތެރި ވިސްނުމެއްގައި ހުށަހަޅާފައިވާ ބިލެއް ކަމަށެވެ. މި ކަމާ ދެކޮޅަށް ނުކުތުން ވަރަށް މުހިއްމު ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ބަހުސްގައި، ވާހަކަ ދައްކަވަމުން މެންބަރު ހުސްނީ ވަނީ، ހޯމް ސްކޫލިންއަކީ ޖާރިޔާއިންނަށް ފުރުސަތު ފަހި ކުރުން ކަމަށާއި، އެއީ އިސްލާމްދީނުގެ އަސާސްތަކާ ހިލާފުވަ ގޮތަށް އަންހެންދަރިން ތައުލީމުން މަހްރޫމުވާގޮތަށް ތަސައްރަފު ކޮށްދޭން މި ބިލާ ގުޅޭގޮތުން ރައީސް ނަޝީދު ދެއްކެވި ވާހަކަ ކުށްވެރިކުރައްވާފައެވެ.
އޭނާ ވިދާޅުވީ އެއްވެސް ހާލެއްގައި ހޯމް ސްކޫލިންގެ ފުރުސަތު ފަހިކޮށްދިނުމަކީ އަންހެންދަރިން މި ގައުމުގައި ތައުލީމުން އެކަހެރިކޮށްފައި އެކުދިން ގޭގަ ބައިތިއްބައިގެން އެކުދިންނަށް ތައުލީމު ދިނުމަށް ވަކި ގޮތަކަށް އެކުދިން ތަރުބިއްޔަތުކުރުމަށް ފުރުސަތު ދިނުމެއްނޫން ކަމަށެވެ. އަދި މި ބިލާބެހޭގޮތުން އެގޮތަށް ވާހަކަ ދައްކާނަމަ މި އިސްލާހުގައި ބުނާގޮތަށް ދަރިވަރުންނަށް ފުރުސަތު ނުލިބޭގޮތަށް ކަންކަން ފަހިކޮށްދިނުމަކީ ލާދީނިއްޔަތަށް ފުރުސަތު ދިނުމޭވެސް ބުނެވިދާނެ ކަމަށެވެ.








