








ނޮވެމްބަރ 3 ގައި ދިވެހި ސިފައިން ދެއްކެވި މަތިވެރި ފަންވަރާއި ސާބިތުކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ސާބަސް ދެެއްވައިފިއެވެ.
ދިވެހިރާއްޖޭގެ ފަޚުރުވެރި 38 ވަނަ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މިއަދު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވަނީ އެންމެހާ ލޮބުވެތި ދިވެހި ރައްޔިތުންނަށް މި އުފާވެރި ދުވަހުގެ އިޚްލާޞްތެރި ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވާފައެވެ.
މިއަދަކީ ބޭރުގެ ނުފޫޒާއި އަޅުވެތިކަމަށް ދިވެހި ޤައުމު ދިޔަ ނުދިނުމަށްޓަކައި ދިވެހި ސިފައިންނާއި ލޮބުވެތި ރައްޔިތުން ބާޣީންނާ ދެކޮޅަށް ޖިހާދުކޮށް، ގައުމު ސަލާމަތްކޮށްދީ ދިވެހިން ފަޚުރުވެރި ނަސްރު ހޯދި ތާރީޚީ ދުވަސްކަން ފާހަގަކުރައްވާ ފައިސަލް ވަނީ މި ލޮބުވެތި ވަތަން ބޭރުގެ ނުފޫޒާއި އަޅުވެތިކަމުން އަބަދުމެ ސަލާމަތްވެފައިވާ ގައުމެއްގެ ގޮތުގައި ލެހެއްޓެވުން އެދި ދުޢާ ދަންނަވާފައެވެ.
1988 ނޮވެމްބަރ 3 ގައި ދިވެހިރާއްޖެއަށް ކުރިމަތިވި މި ނުރައްކާތެރި އުދުވާނީ ހަމަލާއަކީ ސްރީލަންކާގެ ހަތިޔާރުއެޅި ނިރުބަވެރި ޖަމާޢަތެއް ކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޯގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) އާއި ހެންވޭރު ހާޖަރާގޭ ޢަބްދުﷲ ލުޠުފީ އިސްވެތިބެ، ދުރާލައި ރާވައިގެން ރާއްޖޭގެ މިނިވަންކަން ނަގާލައި ވެރިކަން ވައްޓާލުމަށް ދިން ވަރަށް ބިރުވެރި ހަމަލާއެކެވެ. މި ޢުދުވާނުގައި ދިވެހި ޤައުމާއި މާތްވެގެންވާ އިސްލާމްދީނުގެ ދިފާޢުގައި ހަނގުރާމަކުރި ދިވެހި ސިފައިންގެ 8 ބޭކަލަކާއި، ޢާންމު ރައްޔިތުންގެ ތެރެއިން 11 މީހަކު ހިމެނޭހެން ޖުމްލަ 19 ދިވެހި ދަރިން ވަނީ މި ފަސްގަނޑަށް ޝަހީދުވެ ގޮސްފައެވެ.




