








ނެދަލޭންޑްސް އާއި ޖަރުމަނު ވާދަކުރި މެޗުގެ ތެރެއިން...
ޔުއެފާ ނޭޝަންސް ލީގު ގުރޫޕް ދޭއްގައި މިރޭ އަމިއްލަ ދަނޑުގައި ނެދަލޭންޑްސް އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް ޖަރުމަނުން ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގައެއް ކަށަވަރުކޮށްފިއެވެ.
މުބާރާތުގައި ޖަރުމަނު އެންމެ ފަހުން ކުޅުނު މެޗުގައި 3-1 ގެ ނަތީޖާއަކުން ސާބިއާ އަތުން މޮޅުވެފައިވާއިރު، ނެދަލޭންޑްސް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 7-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ގްރީސް ބަލިކޮށްފަ އެވެ.
ޖަރުމަނުގެ ވެރިރަށް ބާލިންގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ޖަރުމަނުން މެޗުގެ ލީޑު ހޯދީ ފުރަތަމަ ހާފުގެ 41 ވަނަ މިނެޓުގައެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ޑެރީ ޝެރްހަންޓް އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ޖަރުމަނު ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ޖަރުމަނުން ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފުގައި އެޓީމުން ވަނީ އިތުރު ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން އެޓީމު ދެވަނަ ލަނޑު މެޗުގެ 60 ވަނަ މިނެޓުގައި މިޑްފިލްޑަރު ފްލޮރިއަން ވިޓްޒް ކާމިޔާބުކުރިއިރު، އޭގެ ފަސް މިނެޓް ފަހުން އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޑިފެންޑަރު ނިކޯ ޝްލޮޓަރބެކް އެވެ.
މިމެޗުގައި ޖަރުމަނުގެ ހަތަރުވަނަ ލަނޑު ދެވަނަ ހާފުގައި ވިޓްޒް ކާމިޔާބުކުރުއިރު، އޭގެ ހަ މިނެޓް ފަހުން އެޓީމުގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ ފޯވާޑް ބްރަޖާން ގުރުޑާއެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ހަ މެޗުން ޖަރުމަނަށް 11 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ގުރޫޕްގެ އެއްވަނަ ކަށަވަރުވިއިރު، މިމެޗުން ބަލިވި ނެދާލޭންޑްސް ގުރޫޕް ސްޓޭޖުގައި ކުޅުނު ހަ މެޗުން ހޯދި ހަ ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ގުރޫޕްގެ ދެވަނަ ވަނީ ޔަގީންކޮށްފައެވެ.
މިގުރޫޕްގައި މިރޭ ކުޅުނު ދެވަނަ މެޗުގައި ގްރީސް އިން ވަނީ 1-0 ގެ ނަތީޖާއަކުން ސާބިއާ ބަލިކޮށްފައެވެ. އަދި ގުރޫޕް ސްޓޭޖުގައި ކުޅުނު ހަ މެޗުން ގްރީސްއަށް 11 ޕޮއިންޓް ލިބުނު ނަމަވެސް ލަނޑުގެ ތަފާތުން އެޓީމަށް ލިބުނީ ގުރޫޕްގެ ތިންވަނައެވެ. އަދި ގުރޫޕް ސްޓޭޖުގައި ކުޅުނު ހަ މެޗުން ވެސް ބަލިވެ ސާބިއާ އިން މުބާރާތް ނިންމާލީ ޕޮއިންޓެއް ނުލިބި ގުރޫޕްގެ ފުލުގައި އޮވެއެވެ.








