






.jpeg?w=3840&q=75)

މިދިޔަ ހަފްތާގެ ތެރޭގައި ސްކޭމްތަކުން 6 ލައްކަ އަށްވުރެ ގިނަ ރުފިޔާ ގެއްލިގެން ރިޕޯޓްކޮށްފައިވާކަމަށް އެންޓި ސްކޭމް ސެންޓަރުން ބުނެފި އެވެ.
އެންޓި ސްކޭމް ސެންޓަރުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް ހަފްތާއެއްގެ ތެރޭގައި 38 މައްސަލަ ރިޕޯޓްކޮށްފައިވާއިރު، އެ މައްސަލަތަކުގައި 630،573 ރުފިޔާ ގެއްލިގެން ރިޕޯޓްކޮށްފައިވެ އެވެ.
އޭގެތެރެއިން އަނބުރާ 402،658 ރުފިޔާ އަނބުރާ ހޯދާފައިވެ އެވެ. އެއީ އީކޮމާސް މެދުވެރިކޮށް ހުށަހަޅާފައިވާ 13 ސްކޭމްގެ މައްސަލައަކާއި ހުއްދަ ނެތް ޓްރާންސެކްޝަނުގެ 9 މައްސަލައަކާއި ބުކިން ކެންސަލް ނުވަތަ ރިފަންޑުގެ ނަމުގައި ހިންގި 6 ސްކޭމަކާ ގުޅޭ މައްސަލައެއް ރިޕޯޓުކޮށްފައިވެ އެވެ. އަދި ފައިސާ މާރުކުރުމުގެ ނަމުގައި ސްކޭމް ހިންގާފައިވާ 5 މައްސަލައަކާއި އޮޅުވާލައިގެން އެހެން މީހަކަށް ވެގެން ސްކޭމް ހިންގި 4 މައްސަލައެއް އަދި އިންވެސްޓްމަންޓާ ގުޅޭ 1 ސްކޭމް މައްސަލަ ހިމެނެ އެވެ.
އެންޓި ސްކޭމް ސެންޓަރުން ފާހަގަކުރާގޮތުގައި ސްކޭމް ކުރަން އެންމެ ގިނައިން ބޭނުންކޮށްފައިވަނީ އޮންލައިން މެސެޖިން ޕްލެޓްފޯމްތަކާއި އައިބޭ އާއި ޓިކްޓޮކް އަދި ފޯނު ކޯލާއި ފިޝިން ލިންކުގެ އިތުރުން ފޭސްބުކް މާކެޓްޕްލޭސް އެވެ.
މިކަމާއި ގުޅިގެން އެންޓި ސްކޭމް ސެންޓަރުން ވަނީ ހޮޓާތަކާއި ގެސްޓް ހައުސް ވިޔަފާރިކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ. . އަދި ސްކޭމަރުން ރޫމް ބުކްކޮށްފައި، "ނޭނގުމުގެ ތެރޭގައި ދިމާވި ކަމެއްގެ ސަބަބުން" ކަމަށް ބުނެ ރިފަންޑް އަށް އެދޭ ކަން ފާހަގަކޮށް ފުލުހުން ބުނީ ރިފަންޑަށް އެދެނީ ފޭކް ޕޭމަންޓް ސްލިޕެއް ފޮނުވުމަށް ފަހު ކަމަށާއި އެކަމަކު ސްކޭމެއްކަން އެނގެނީ އެކައުންޓް ބަލާނުލެވި، ރިފަންޑް ދެވޭ ފަހުން ކަމަށެވެ.
އެހެންވީމަ މިކަމަށް ސަމާލުކަންދިނުމުގެ ގޮތުން ،ރިފަންޑް ދިނުމުގެ ކުރިން ބޭންކް އެކައުންޓް ބަލައި ކަށަވަރު ކުރުމަށާއި ފައިސާ ނުލިބޭ ނަމަ ރިފަންޑް ނުދޭން އެ ސެންޓަރުން އިލްތިމާސް ކޮށްފައިވެ އެވެ.
މީގެއިތުރުން މި ހަފްތާގެ ތެރޭގައިވެސް ސްކޭމުން ފައިސާ ގެއްލިގެން ރިޕޯޓްކޮށްފައިވެ އެވެ. އޭގެތެރޭގައި ހިމެނެނީ ސްކޭމްގެ 38 މައްސަލައަކުން ގެއްލިގެން ރިޕޯޓްކޮށްފައިވާ 356،163 ރުފިޔާ އެވެ.








