.jpeg?w=3840&q=75)








އިންގްލޭންޑާއި ސްޕެއިން ވާދަކުރި މެޗުގެ ތެރެއިން...
ޔުއެފާ ނޭޝަންސް ލީގު ގުރޫޕް ތިނެއްގައި ރޭ ރަށުން ބޭރުގައި ސްޕެއިން އާއި ދެކޮޅަށް ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އިންގްލޭންޑުން ގުރޫޕްގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެެވެ.
މުބާރާތުގައި އިންގްލޭންޑް އެންމެ ފަހުން ކުޅުނު މެޗުގައ 2-1 ގެ ނަތީޖާއަކުން ކްރޮއޭޝިއާ އަތުން މޮޅުވެފައިވާއިރު، ސްޕެއިން އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ ޗެކް ރިޕަބްލިކް 2-0 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ
މެޑްރިޑްގެ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ސްޕެއިނުން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އިންގްލޭންޑުންނެވެ.
މިލަނޑު ފުރަތަމަ ހާފުގެ 45 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކެޕްޓަން ހެރީ ކޭން އެވެ. އަދި އިންގްލޭންޑުން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 53 ވަނަ މިނެޓުގައި ޑިފެންޑަރު އެޒްރީ ކޮންސާ ކާމިޔާބުކުރިއިރު އޭގެ ހަތަރު މިނެޓުފަހުން އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޑިފެންޑަރު ބެން ވައިޓް އެވެ.
ނަމަވެސް މެޗުގެ 63 ވަނަ މިނެޓުގައި މިޑްފިލްޑަރު އެލިއަޓް ހެންޑަސަންއަށް ދެއްކި ރަތްކާޑާއެކު މެޗުގެ ކޮންޓްރޯލް އިންގްލޭންޑަށް ގެއްލުނުއިރު، ސްޕެއިންގެ ފުރަތަމަ ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ މިކޭލް އޮޔަޒަބަލްއެވެ. އަދި އޭގެ 10 މިނެޓް ފަހުން މެޗުގެ 75 ވަނަ މިނެޓުގައި ސްޕެއިންގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ފޯވާޑް ނިކޯ ވިލިއަމްސް އެވެ.
މިނަތީޖާއެކު ގްރޫޕް ސްޓޭޖުގައި ކުޅުނު ހަ މެޗުން ހޯދި 15 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އިންގްލޭންޑް ކުއާޓާ ފައިނަލުން ޖާގަ ހޯދިއިރު، މިމެޗުން ބަލިވި ސްޕެއިން ވެސް ވަނީ ގުރޫޕް ސްޓޭޖުގައި ކުޅުނު ހަ މެޗުން 15 ޕޮއިންޓް ހަމަކޮށް ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ.
މީގެ އިތުރުން ރޭ މިގުރޫޕްގައި ކުޅުނު ދެވަނަ މެޗުގައި 2-1 ގެ ނަތީޖާއަކުން ޗެކް ރިޕަބްލިކް ބަލިކޮށް ކްރޮއޭޝިއާ އިން ގުރޫޕްގެ ތިންވަނަ ކަށަވަރުކުރިއިރު، ޗެކް ރިޕަބްލިކް އިން މުބާރާތް ނިންމާލީ ކުޅުނު ހަ މެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި ގުރޫޕްގެ ފުލުގައި އޮވެއެވެ.
.jpeg?w=3840&q=75)







