








ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާ ގުޅުނީސަރުކާރާ ގުޅުނީ ދީނާއި ޤައުމުގެ ސިޔާދަތު ދިފާޢުކުރުމަށް ކަމުގައި އަދާލަތު ޕާޓީ އިން ބުނެފިއެވެ.
އެޕާޓީ އިން މިހެން ބުނީ ޕީއެންސީއާއި އަދާލަތު ޕާޓީ ކޯލިޝަން އެއްބަސްވުމެއްގައި ސޮއިކުރި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަދާލަތު ޕާޓީގެ ގެ ރައީސް ޝެއިޚް މުޙައްމަދު ޝިފާންއެވެ.
ޝިފާން ވިދާޅުވީ އިސްލާމިކް ފައިނޭންސާއި ޒަކާތު ފަންޑު ފުޅާކުރުމަށާއި ތަޢުލީމީ ދާއިރާއަށް ސަރުކާރުން ގެންނަ ބަދަލުތަކަށް ޕާޓީން ތާއީދުކުރާ ކަމަށާއި ދިވެހިރާއްޖޭގެ ބިމާއި ކަނޑުން އިންޗިއެއްގެ މިންވަރުވެސް ބޭރުގެ ފަރާތަކަށް މިލްކު ނުކުރެވޭނެކަމުގެ ޔަޤީންކަން ރައީސް މުޢިއްޒު ދެއްވާފައިވާ ކަމަށެވެ.
މީގެއިތުރުން ދައުލަތުގެ ދަރަނި ދެއްކުމަށާއި ޒުވާނުންނަށް ވަޒީފާ ފަހިކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް ޕާޓީން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ޝިފާން ވިދާޅުވިއެވެ. ބޯހިޔާވަހިކަމާއި ދިވެހި ވިޔަފާރިތަކަށް އެހީތެރިވުމަށް ކުރާ މަސައްކަތްތަކަށްވެސް ޕާޓީގެ އެއްބާރުލުން ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ތަނަވަސް އަޣުލަބިއްޔަތަކުން ރައީސް މުޢިއްޒު ކާމިޔާބުކުރުމަށް މަސައްކަތް ފަށަނީ ކަމަށްވެސް ޝިފާން ވިދާޅުވިއެވެ.
2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީއާއެކު ހުރުމަށް ނިންމީ ޕާޓީގެ ޢިލްމުވެރިންނާއި މަޝްވަރާ މަޖިލީހާއި އަތޮޅުތަކުގެ މެންބަރުންނާއެކު ކުރި ފުޅާ މަޝްވަރާތަކަށްފަހު ކަމަށް ވެސް ޝައިޚް ޝިފާން ވަނީ ވިދާޅުވެފައެވެ.








