








ޑެންމާކާއި ޕޯޗުގަލް ވާދަކުރި މެޗުގެ ތެރެއިން...
ޔުއެފާ ނޭޝަންސް ލީގު ގުރޫޕް ހަތަރެއްގައި މިރޭ ރަށުން ބޭރުގައި ޕޯޗުގަލް އާއި ދެކޮޅަށް ކުޅުނު މެޗު 4-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް ޑެންމާކުން ގުރޫޕްގެ ދެވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
މިމުބާރާތުގައި ޕޯޗުގަލް އެންމެ ފަހުން ކުޅުނު މެޗުގައި ނޯވޭ އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ޑެންމާން އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 1-0 ގެ ނަތީޖާއަކުން ވޭލްސް ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 4-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޕޯޗުގަލް އިންނެވެ.
މިމެޗަކީ ޕޯޗުގަލްގެ ކުރީގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށްކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކުރި ފަހުން އެޓީމު ކުޅުނު ފުރަތަމަ މެޗެވެ. އަދި މެޗުގެ ލައިނަޕަށް ޕޯޗުގަލް ހުރިހާ ކުޅުންތެރިން ވެސް ނުކުތީ ހަތް ނަންބަރު ޖާޒީގައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 43 ވަނަ މިނެޓުގައި ޑެންމާކުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޕިއެރޭ އެމިލް ހޮޖްބްޖާރގްއެވެ.
ޑެންމާކުން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 50 ވަނަ މިނެޓުގައި ފޯވާޑް ރަސްމުސް ހޮއިލަންޑް ކާމިޔާބުކުރިއިރު، އޭގެ ހަތް މިނެޓު ފަހުން އެޓީމުގެ ތިންވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިނީ މިމެޗުގައި މޮޅު ކުޅުމެއް ދެއްކި ހޮއިލަންޑް އެވެ. އަދި އެޓީމުގެ ހަތަރުވަނަ ލަނޑު މެޗުގެ 75 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޖޯޗިމް އެންޑަސަން އެވެ.
ޕޯޗުގަލް އިން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ބެނާޑޯ ސިލްވާއެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-1 ގެ ނަތީޖާއަކުން ޑެންމާކް ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ފަސް މެޗުން ޑެންމާކަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި ޕޯޗުގަލް އިން ގުރޫޕް ސްޓޭޖުގައި ކުޅުނު ފަސް މެޗުން ހޯދި 12 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ އެއްވަނައިގަ އެވެ.
މީގެ އިތުރުން މިރޭގެ މެޗަކީ ވާދަވެރި މެޗެއްގައި އަމިއްލަ ފަސްގަނޑުގައި ޕޯޗުގަލް ބަލިވި އެންމެ ތަފާތުބޮޑު ބައްޔެވެ. އަދި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީ ޕޯޗުގަލް އެންމެ ފަހުން ކުޅުނު 15 މެޗުގެ ތެރެއިން އެޓީމު ބަލިވި ފުރަތަމަ މެޗެވެ.








