




.jpeg?w=3840&q=75)



ހަކުރުބަލީގެ ފަރުވާ މިންކުރަން ޖެހެނީ ހަމައެކަނި އަދަދަކުން ނޫންކަމާއި، ބަލިން ރައްކާތެރިވާ މީހުންގެ އަދަދުންނާއި، ދުޅަހެޔޮ އުފެއްދުންތެރި ހަޔާތެއް މީހުންގެ އަދަދުވެސް މިންކުރަން ޖެހޭކަމަށް ހެލްތް މިނިސްޓަރު ގީލާ ޢަލީ ވިދާޅުވި އެވެ.
"ފޯރަމް އޮން އާލީ އެކްޝަން އޮން ޑައިބިޓީސްގެ ނަމުގައި" ހުޅުލޭ އައިލެންޑް ހޯތެލްގައި މިއަދު ބޭއްވި ކޮންފަރެންސް އިތްިތާހްކޮށްދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިދާޅުވީ މި ޕްރޮޓޮކޯލާއެކު ސިއްހީ ނިޒާމުގެ ހުރިހާ އިދާރާއަކުންދޭ ފަރުވާއާއި ކައުންސެލިންއާއި ފޮލޯއަޕްގެ މިންގަނޑުތައް އެއްގޮތް ކުރެވިގެންދާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ރައްކާތެެރިވުމާއި ބަލި ކޮންޓްރޯލް ކުރުމުގެ ދާއިރާއިން ރާއްޖެއިން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ހަމައެކަނި ސިއްހީ ދާއިރާގެ މަސައްކަތުން ނުފުދޭނެކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ ސުކޫލުތަކާއި މުޖުތަމައުގެ އެކި ފަރާތްތަކުން މުހިންމު ދައުރެއް އަދާކުރަން ޖެހޭ ކަމަަށެވެ. އަދި ހަކުރު ބައްޔަށް އާ އީޖަދުތައް ހޯދި ނަމަވެސް އެންމެބޮޑު ކާމިޔާބީއަކަށް ވާންވާނީ، ހަކުރު ބަލި ޖެހުމުން ދުރުކޮށް ރައްކާތެރިވުމުގެ އިތުރުން ބަލި މެނޭޖުކުރުން ހަރުދަނާ ކުރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ."މިއަދަދުތަކުން އަވަހަށް ބަލި ދެނެގަތުމާއި މެދުނުކެނޑި ފަރުވާ ހޯދުމުގެ މުހިންމުކަން ކަށަވަރު ކޮށްދޭ. މީގެ އިތުރުން ސަރުކާރުން ގެންދަނީ، ދުންފަތް ކޮންޓްރޯލްކުރުން ވަރުގަދަކޮށް ދުޅަހެޔޮ ދިރިއުޅުމެއްގެ ވައްޓަފާޅި ކުރިއަރުވާ ހަކުރު ބައްޔާއި ގައިންގަޔަށް ނާރާ އެހެނިހެން ބަލިތަކާމެދު އާންމުން ހޭލުންތެރިކުރުވަމުން." މިނިސްޓަރު ވިދާޅުވި އެވެ.
މީގެއިތުރުން މިނިސްޓަރު ވަނީ ހަކުރު ބަލިން ރައްކާތެރިވުމަށް މި ސަރުކާރުން ޕްރައިމަރީ ހެލްތު ކެއާއަަށް ދޭ ސަމާލުކަން އިތުރު ކުރަމުންދާ ކަމަށާއި މެދުނުކެނޑި ރައްޔިތުންނާއި ގާތަށް ފަރުވާ ގެނައުމަކީ އެޅޭ މުހިންމު ފިޔަވަޅުތަކެއްކަންވެސް ފާހަގަކުރައްވާފަ އެވެ. އަދި އަތޮޅުތެރޭގެ ޕްރައިމަރީ ހެލްތު ކެއާ ސްކްރީނިންގެ ތެރެއިން ގާތްގަނޑަކަށް 40 ހާހެއްހާ މީހުން ސްކްރީން ކޮށްފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އޭގެތެރެއިން 400 އެއްހާ މީހުންގެ ހަކުރު ބަލި ހުރިކަން ދެނެގަނެވިފައިވާކަމަށެވެ.
މިނިސްޓަރު ވަނީ މިސަރުކާރުން އަހަރަކު ދެ ފަހަރަކު މެޑިކަލް ޗެކަޕް ހެދޭ ގޮތަށް ސިޔާސަތު ކަނޑައަޅާފައިވާކަން ފާހަގަކުރައްވާފަ އެވެ. އަދި ތިން އަހަރު ދުވަހުގެ ތެރޭގައި ވަރަށް ގިނަ މީހުން މި ޚިދުމަތުގެ ބޭނުން ހިފާފައިވާ ކަމަށާއި، ހަކުރު ބަލިން ރައްކާތެރިވުމަށް އާންމުން ހޭލުންތެރި ކުރުމުގެ ގައުމީ މުހިންމު މަސައްކަތްތައް ހުރިހާ އެންމެންގެ އެއްބާރުލުން ދެއްވުމަށް މިނިސްޓަރު އިލްތިމާސްކުރެއްވި އެވެ.








