







ފަލަސްޠީނުގެ މަޝްހޫރު ކުރެހުންތެރިޔާ
ފަލަސްޠީނުގެ ތާރީޚާއި ސަގާފަތް އޭނާގެ ކުރެހުންތަކުން ދައްކުވައިދިން، ދުނިޔޭގެ މަޝްހޫރުކަން ހޯދާފައިވާ ފަލަސްޠީނުގެ އައިކޮނިކް ކުރެހުންތެރިޔާ ސުލައިމާން މަންޞޫރު އުމުރުން 79 އަހަރުގައި އަވަހާރަވެއްޖެއެވެ.
މުސްލިމް ނެޓްވޯކް ޓީވީ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސުލައިމާން މަންޞޫރު ވަނީ އޭނާގެ ހަޔާތުގެ ބޮޑު ބައެއް ފަލަސްޠީނުގެ ރައްޔިތުންގެ އިހުސާސްތަކާއި، އެމީހުންގެ ވޭނާއި، މިނިވަންކަމަށް ކުރާ އުންމީދުތައް އޭނާގެ ފަންނުވެރިކަމުގެ ޒަރީއާއިން މުޅި ދުނިޔެއަށް ހާމަކޮށްދިނުމުގައި ހޭދަކުރައްވާފައެވެ.
އޭނާގެ އެންމެ މަޝްހޫރު އެއް ކުރެހުން ކަމަށްވާ 'ޖަމަލް އަލް މަޙާމިލް' (ބުރަ އުފުލާ މީހާ) އަކީ ފަލަސްޠީނުގެ ރައްޔިތުން އުފުލަމުންދާ ތަކުލީފުތަކާއި އެމީހުންގެ ސާބިތުކަން ރަމްޒުކޮށްދޭ ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ކުރެހުމެކެވެ.

Suleiman-Mansour-Jamal-Al-Mahamel-II.jpg
އޭނާގެ ކުރެހުންތަކަކީ ހަމައެކަނި މަންޒަރުތަކެއް ނޫނެވެ. އެއީ ފަލަސްޠީނުގެ ރައްޔިތުންގެ ހިތްވަރާއި ގައުމީ ރޫޙުގެ ރަމްޒެކެވެ. އިސްރާއީލުގެ އިސްތިޢުމާރީ ބާރުތަކުގެ ދަށުގައި ފަލަސްޠީނުގެ ރައްޔިތުން އުޅެމުންދާ ހާލަތު އެންމެ ފުރިހަމައަށް ސިފަކޮށްދިން އެކަކީ އޭނާއެވެ.
ފަލަސްޠީނުގެ ގިނަ ބަޔަކު އޭނާ ސިފަކުރަނީ އެ ގައުމުގެ އަޑު ދުނިޔެއަށް އިއްވައިދިން މުހިންމު ޝަޚްޞިއްޔަތެއްގެ ގޮތުގައެވެ.
ސުލައިމާން މަންޞޫރު އަވަހާރަވުމަކީ ފަލަސްޠީނުގެ ފަންނުވެރިކަމުގެ ދާއިރާއަށާއި މުޅި ގައުމަށް ލިބިގެންދިޔަ ފުން ހިތާމައެކެވެ. އެހެންނަމަވެސް އޭނާގެ ކުރެހުންތަކާއި އުފެއްދުންތަކަކީ ފަލަސްޠީނުގެ ތާރީޚުގައި އަބަދަށްޓަކައި ދެމިހުންނާނެ އަގުހުރި ތަރިކައެއް ކަމުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ.



