

.jpg?w=3840&q=75)





ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު "މޯލްޑިވްސް ހެލްތް އެންޑް ފެމިލީ އެކްސްޕޯ 2026" އިފްތިތާހްކޮށްދެއްވައިފި އެވެ.
ރައީސް މި މައުރަޒު އިފްތިތާހްކޮށްދެއްވީ މިއަދު ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކުގައި މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ.
މި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގެންނެވި އެވެ. އަދިރައީސްގެ ދެކަނބަލުންގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ދަޢުލަތުގެ އެކި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
މައުރަޒު އިފްތިތާހުކޮށްދެއްވުމަށްފަހު ރައީސްގެ ދެކަނބަލުން ވަނީ އެކްސްޕޯގެ އެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، އެ ތަންތަނުން ފޯރުކޮށްދެމުންދާ ހިދުމަތްތަކާއި މައުލޫމާތު އޮޅުންފިލުއްވާފަ އެވެ.
މި މައުރަޒަކީ ސިއްހީ ދާއިރާގެ ސައްހަ މައުލޫމާތު ފޯރުކޮށްދިނުމާއި، ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅިއަކަށް އަހުލުވެރިކުރުވުމުގެ އިތުރުން، ބަލިތަކުން ދުރާލާ ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ވަށާޖެހޭ ފުރިހަމަ ނިޒާމެއްގެ ތެރެއިން ރައްޔިތުން ހޭލުންތެރިކުރުވުމުގެ މަޤްސަދުގައި ބާއްވާ މައުރަޒެކެވެ.މާލެއާއި އަތޮޅުތަކުގެ ހޮސްޕިޓަލްތައް ހިމެނޭހެން، ޞިއްޙީ ދާއިރާގައި ހަރަކާތްތެރިވާ 60 އަށްވުރެ ގިނަ ޖަމުޢިއްޔާ ޖަމާޢަތްތަކުން ބައިވެރިވި މި މައުރަޒުގައި ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއި ކަމާގުޅުންހުރި އެކި މުއައްސަސާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތުވެސް ފޯރުކޮށްދެވޭނެ އެވެ.
ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރުން، މި މަސައްކަތުގައި މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމުގެ މަޤްސަދުގައި ކުރިއަށްގެންދާ މި އެކްސްޕޯއަކީ، ހުރިހާ އުމުރުފުރައެއްގެ ފަރާތްތަކަށްވެސް ބައިވެރިވެވޭ ގޮތަށް އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
"ދުޅަހެޔޮ އުފާވެރި ޖީލަކަށް އެންމެން އެކުގައި" މި ޝިޢާރުގެ ދަށުން ބާއްވާ މި މައުރަޒު ކުރިއަށްދާނީ މި ހިނގާ ނޮވެމްބަރު މަހުގެ 5 އިން 7 އަށެވެ.






.jpg?w=3840&q=75)
