








ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫގައި، މީގެ ހަ އަހަރު ކުރިން ވަރަށް އާދައިގެ ގޮތަކަށް، މަދު ވަސީލަތްތަކަކާއި ކުޑަ ޓީމަކާއެކު ބިންގާ އެޅުނު "ގާފު" އޮންލައިން މިވަނީ ފަޚުރުވެރި ހަ އަހަރު ފުރިހަމަކޮށްފައެވެ. މިއަދު ފަސްއެނބުރި ބަލައިލާއިރު ފެންނަން އޮތީ ގޮންޖެހުންތަކުން ފުރިގެންވި، ނަމަވެސް އެހާމެ ކާމިޔާބު ރީތި ދަތުރެކެވެ. އުނދަގޫ އެތައް ހާލަތްތަކަކާއި، ތަފާތު އެކި ދަތި ދުވަސްތައް މާޒީގެ ތެރެއަށް ދޫކޮށްލުމަށްފަހު، ގާފު މިއަދު މިވަނީ ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ މައިދާނުގައި ފައިތިލަ ސާބިތުކޮށް، ގުޑުވައިނުލެވޭ ފަދަ ވަރުގަދަ ބްރޭންޑަކަށް ވެފައެވެ.
ގާފު އޮންލައިންގެ ޅަފަތުގެ މަރުހަލާގައި ކުރިމަތިލާން ޖެހުނު އެންމެ ބޮޑު އިމްތިހާނަކީ މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ ބަލިމަޑުކަމެވެ. އެ ނުރައްކާތެރި ދަނޑިވަޅުގައި، މައުލޫމާތު ހޯދުމަށާއި ރައްޔިތުންނާ ހަމައަށް ޚަބަރު ފޯރުކޮށްދިނުމުގައި ދިމާވި ހުރަސްތަކުން ލިބުނު ތަޖުރިބާތަކަކީ ނޫހުގެ ބިންގާ އިތުރަށް ވަރުގަދަކޮށްދިން ސަބަބެކެވެ. މި ހުރިހާ ދަތިތަކަކާ އެކުވެސް، ގާފު ދެމިއޮތީ ވަކި ފަރާތަކަށް ނުޖެހޭ، މިނިވަން އަދި ރައްޔިތުންގެ މަސްލަހަތު އެންމެ ކުރިއަށް ނެރޭ އެޑިޓޯރިއަލް ސިޔާސަތެއްގެ މަތީގައެވެ. ގައުމީ ފެންވަރުގެ ކަންކަމާއި، ރައްޔިތުންނާ ގުޅުންހުރި މުހިންމު މައްސަލަތަކުގެ އިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާ މުހިންމު ހާދިސާތައް ތާޒާކަމާއެކު ގެނެސްދިނުމުގައި ގާފު ވަނީ ކިޔުންތެރިންގެ އިތުބާރު ހޯދާފައެވެ. އަދި މިއަދުވެސް ގާފު ދެމިއޮތީ ހަމަ އެ ސާބިތުކަންމަތީގައެވެ.
ހަމައެކަނި ޚަބަރު ފެތުރުމުގެ އިތުރުން، ދިވެހި ޒުވާނުންނާއި ކުޅިވަރުގެ އާއިލާއާ ގާތް ގުޅުމެއް އުފެއްދުމުގެ ގޮތުން ގާފުގެ ކުޑައިގެ ދަށުން ތައާރަފުކުރި "ގާފު ސްޕޯޓްސް" އަކީ މިއަދު ރާއްޖޭގެ ކުޅިވަރު މައިދާނުގައި ނުހަނދު މަގުބޫލު ނަމެކެވެ. ކުޅިވަރުގެ ތަފާތު ޚަބަރުތަކާއި މުބާރާތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ގެނެސްދިނުމުގައި ގާފު ސްޕޯޓްސް ދަނީ ތަފާތު ދައްކަމުންނެވެ. ޚާއްސަކޮށް، ޒަމާނީ ވަސީލަތްތަކުގެ އެހީގައި މުބާރާތްތަކާއި ހަރަކާތްތައް ފެންވަރު ރަނގަޅުކޮށް ވަގުތުން ލައިވްކުރުމާއި، ހިތްގައިމު ފޮޓޯ ކަވަރޭޖްތަކާއި، ސޯޝަލް މީޑިއާ ރީލްސްތަކާއި، މަލްޓިމީޑިއާގެ ތަފާތު ކޮންޓެންޓްތައް އެންމެ މަތީ ފެންވަރުގައި ގެނެސްދިނުމަކީ ގާފަށް ކުޅިވަރުގެ ދާއިރާއިން ޚާއްސަ ޖާގައެއް ލިބިގެންދިޔަ މައިގަނޑު ސަބަބެވެ.
މިއަދު ގާފަކީ އާންމު ރައްޔިތުން ލޯބިވާ، އަދި އެ ނޫހަކުން ގެނެސްދޭ ޚަބަރަކަށް ސައްތައިން ސައްތަ އިތުބާރުކުރާ ނަމެކެވެ. ހުވަދުއަތޮޅުގެ ރަށަކުން ފެށި މި ކުޑަ މަސައްކަތް މުޅި ރާއްޖެ ބަލައިގަންނަ ބޮޑު މީޑިއާ ހައުސްއަކަށް ބަދަލުވެގެން ދިޔުމަކީ ދިވެހި ނޫސްވެރިކަމަށް ލިބުނު އިތުރު އުއްމީދެކެވެ. ވޭތުވެދިޔަ ހަ އަހަރު ދުވަހުގެ ތެރޭގައި ދެއްކި ހިތްވަރާއި ސާބިތުކަމާއެކު، ގާފުގެ އަމާޒަކީ ކުރިމަގުގައިވެސް ތެދުވެރި، އިންސާފުވެރި، އަދި ޒަމާނީ ޓެކްނޮލޮޖީއާއެކު ކުރިއަރަމުން އަންނަ ނޫހެއްގެ ގޮތުގައި ދެމިއޮތުމެވެ. ޝައްކެއްވެސް ނެތް ގޮތުގައި، ގާފުގެ މި ދަތުރަކީ ދިވެހި ނޫސްވެރިކަމުގެ ޖައްވުގައި ފިޔަޖަހަމުން އަންނަ އުޖާލާ މިސާލެކެވެ.
ހަ އަހަރުގެ މި ކާމިޔާބު ދަތުރަށްފަހު، ގާފު މިހާރު މިސްރާބު ޖަހާފައިވަނީ މުޅިން އައު އުސްމިންތަކަކަށެވެ. އެގޮތުން، ދިވެހި މީޑިއާގެ ވެއްޓަށް މުޅިން އައު އަދި ތަފާތު ބަދަލުތަކެއް ގެނައުމަށްޓަކައި ގާފުގެ ޓީމުން މިހާރުވެސް އަންނަނީ ފަރުދާގެ ފުރަގަހުގައި މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. މިއީ މިހާތަނަށް ދިވެހި ނޫސްވެރިކަމުގެ ތެރެއިން ފެނިފައިނުވާ ފަދަ އީޖާދީ އަދި ޒަމާނީ ކަންކަން ހިމެނޭނެ ޚާއްސަ ކަމަކަށް ވާނެއެވެ.
ނަމަވެސް، ކިޔުންތެރިންނާއި ފޭނުންނަށްޓަކައި މިކަން އަދި ބާއްވާފައިވަނީ ސިއްރެއް ނުވަތަ ބޮޑު "ސަޕްރައިޒެއް" ގެ ގޮތުގައެވެ. ވަގުތު ޖެހުމުން މި ސަޕްރައިޒް ހާމަކުރެވިގެންދާއިރު، އެއީ ގާފުގެ ކިޔުންތެރިންނަށާއި މުޅި ދިވެހި މީޑިއާއަށްވެސް އިތުރު ފޯރިއަކާއި ދިރުމެއް ގެނެސްދޭނެ ކަމަކަށް ވާނެކަން ކަށަވަރެވެ. ގާފުގެ މި އައު އަމާޒަކީ ކިޔުންތެރިންގެ އިތުބާރާއެކު އިތުރު ހަރުފަތަކަށް ދަތުރުކުރުމަށް އެޅޭނެ ވަރުގަދަ ފިޔަވަޅެކެވެ.








