








-
ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމުގައި ފަންނީ އިންޖިނިއަރިންގ ތަޖުރިބާއާއި، ދިވެހި ޤައުމިއްޔަތާއި ސިޔާދަތު އިސްކުރުމުގެ ވަރުގަދަ ޢަޒުމާއެކު ވެރިކަމާ ޙަވާލުވެވަޑައިގެންނެވި ޒަޢީމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.
އެމަނިކުފާނަކީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ލީޑްސްއިން ސިވިލް އިންޖިނިއަރިންގގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) ޙާޞިލުކުރައްވާފައިވާ، އުމްރާނީ ތަރައްޤީގެ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން ޢަމަލީ ގޮތުން ޚިދުމަތްކުރައްވާފައިވާ ލީޑަރެކެވެ.
ޑރ. މުޙައްމަދު މުޢިއްޒު ދަޢުލަތުގެ އިސް ސަފަށް ނުކުމެވަޑައިގަތީ 2012 ވަނަ އަހަރު މިނިސްޓަރ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓްގެ މަޤާމުންނެވެ. އޭގެފަހުން ރައީސް ޔާމީންގެ މުޅި ވެރިކަމުގައި (2013-2018) ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރުގެ ގޮތުގައި ހުންނަވައި، ސިނަމާލެ ބްރިޖާއި ހިޔާ ފްލެޓްތައް ފަދަ ޤައުމީ ބޮޑެތި މަޝްރޫޢުތައް ހިންގެވުމުގައި އިސް ދައުރެއް އަދާކުރެއްވިއެވެ.
އަދި 2021 ވަނަ އަހަރު ރައްޔިތުންގެ ސީދާ ވޯޓުން މާލެ ސިޓީގެ މޭޔަރުކަމަށް އިންތިޚާބުވެވަޑައިގެންނެވިއެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ކުރިމަތިލިއިރުއިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީނަށް ޖަލު ޙުކުމެއްގެ ސަބަބުން ކުރިމަތިނުލެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެން، ކޯލިޝަން ޕާޓްނަރު ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސެނެޓްގެ ވޯޓަކުން ރިޔާސީ ޓިކެޓް އެމަނިކުފާނު ކާމިޔާބުކުރެއްވިއެވެ. "ދިވެހިންގެ ރާއްޖެ" މެނިފެސްޓޯގެ ދަށުން، ފުރަތަމަ ބުރުގައި ވާދަކުރައްވައި %46 ވޯޓު ހޯއްދެވިއެވެ. 30 ސެޕްޓެމްބަރު 2023 ގައި ބޭއްވުނު ދެވަނަ ބުރުގައި، އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ވާދަކުރައްވައި %54 ގެ އަޣުލަބިއްޔަތަކުން އިންތިޚާބު ކާމިޔާބުކުރެއްވިއެވެ.
17 ނޮވެމްބަރު 2023 ގައި ދިވެހިރާއްޖޭގެ 8 ވަނަ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވާ އެމަނިކުފާނު ކުރެއްވިއެވެ.
ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގައި ހޯއްދެވި އެންމެ ބޮޑު ސިޔާސީ އަދި ޤައުމީ ކާމިޔާބީއަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ފުރިހަމައަށް ކަށަވަރުކުރައްވައި، ބޭރުގެ އަސްކަރީ އެއްވެސް ބާރެއް ރާއްޖޭގައި ނުބޭތިއްބުމުގެ ވަޢުދު ފުއްދެވުމެވެ. އެގޮތުން ރާއްޖޭގައި ތިބި އިންޑިއާގެ އަސްކަރީ ސިފައިން، ދެ ޤައުމުގެ މެދުގައި ޑިޕްލޮމެޓިކް މަޝްވަރާތައް ބާއްވައިގެން، އެއްބަސްވެވުނު ތާވަލާ އެއްގޮތަށް ސުލްޙަވެރިކަމާއެކު އަނބުރާ ޤައުމަށް ފޮނުވާލައްވައި، އޭގެ ބަދަލުގައި މަދަނީ ފަންނީ މީހުންނާއި އެމަސައްކަތް ޙަވާލުކުރިއެވެ.
އޭގެ އިތުރުން ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު (EEZ) އަމިއްލައަށް 24 ގަޑިއިރު ބެލެހެއްޓުމަށްޓަކައި އެމްއެންޑީއެފްގެ "އެއަރ ކޯ" އިފްތިތާޙުކުރައްވައި، ތުރުކީން ޒަމާނީ އަސްކަރީ ޑްރޯން (ބައިރަކްތާރު ޓީބީ2) ގެނެސް ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ދިވެހިން އަމިއްލައަށް ބަލަހައްޓަން ފެއްޓެވިއެވެ.
ހަމައެއާއިއެކު އިސްރާއީލުން ހިންގާ ޤަތުލުޢާއްމާ ދެކޮޅަށް ބައިނަލްއަޤްވާމީ ކޯޓުތަކުގައާއި އދ. ގައި ވަކާލާތުކުރެއްވުމުގެ އިތުރުން، އިސްރާއީލް ޕާސްޕޯޓު މަނާކުރުމަށް ޤާނޫނަށް އިޞްލާޙު ހުށަހެޅުއްވިއެވެ. މިކަމަށްޓަކައި މެލޭޝިޔާ ފަދަ އިސްލާމީ ޤައުމުތަކުގެ ލީޑަރުންގެ ބޮޑު ތަޢުރީފެއް އެމަނިކުފާނަށް ލިބިވަޑައިގަތެވެ.
އިންޖިނިއަރިންގ ވިސްނުމުގެ މައްޗަށް ބިނާކޮށް، ދުރުރާސްތާގެ ބޮޑެތި ތަރައްޤީގެ މަޝްރޫޢުތަކެއް އެމަނިކުފާނު މިވަނީ އިފްތިތާޙުކުރައްވާފައެވެ. އެގޮތުން މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށްޓަކައި، ރާއްޖޭގެ ތާރީޚުގައި އެއްފަހަރާ ހިއްކާ އެންމެ ބިޔަ ބިން ކަމަށްވާ ގާތްގަނޑަކަށް 1،153 ހެކްޓަރުގެ "ރަސްމާލެ - އިކޯ ސިޓީ" ހިއްކުމުގެ މަޝްރޫޢު ފެއްޓެވިއެވެ. މި މަސައްކަތް މިހާރުވެސް ދަނީ ކުރިޔަށެވެ. އަދި ވީއައިއޭގެ އައު ޕެސެންޖަރ ޓާމިނަލްގެ މަސައްކަތް އަވަސްކޮށް ނިންމުމާއި، އަހަރަކު 25 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ފަދަ 20 އަހަރުގެ މާސްޓަރ ޕްލޭން އިފްތިތާޙުކުރެއްވިއެވެ.
އަދި ކުރީގެ ވެރިކަން ނިމުނު އިރު މަސައްކަތް މާހަލުވި ނޫން ތިލަމާލެ ބްރިޖުގެ ދުވެލި އަވަސްކޮށް ކުރީ ސަރުކާރުގައި ލަސްވެފައި އޮތް ތިލަމާލެ ބްރިޖުގެ މަސައްކަތްތައް އިންޑިއާ ސަރުކާރާއެކު ގުޅިގެން ހަލުވި ދުވެއްޔަކަށް ބަދަލުކުރައްވައި ބާރު ދުވެލީގެ އެމަސައްކަތް އެބަހިނގައެވެ.
މީގެ އިތުރުން އެއްވެސް ވެރިއަކަށް ނުކުރެވި އޮތް ޑޮލަރު މާރުކުރުމުގެ އައު ޤަވާއިދު ތަންފީޒުކޮށް، ބޭރު ފައިސާއަށް އޮންނަ ބަރޯސާވުން ކުޑަކުރުމަށާއި، ބިދޭސީންގެ މުސާރަ ދިވެހި ބޭންކު އެކައުންޓްތައް މެދުވެރިކޮށް ދިނުން މަޖުބޫރުކުރެއްވިއެވެ.
އަދި އަތޮޅުތަކަށް އިސްލާމިކް ބޭންކިންގ އާއި އޭޓީއެމްގެ ޚިދުމަތް ފުޅާކުރެއްވިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު، ރާއްޖެ އޮތީ ބޭރުގެ އަދި އެތެރޭގެ ބޮޑެތި ލޯނުތަކާއި ސޮވެރިން ބޮންޑުތަކުގެ ސަބަބުން ދަޢުލަތުގެ ދަރަނި އިންތިހާއަށް މައްޗަށް ގޮސް، ދަރަނި އަދާނުކުރެވިދާނެ ކަމުގެ ބައިނަލްއަޤްވާމީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. ނަމަވެސް، އެމަނިކުފާނުގެ ހަރުދަނާ މާލީ ސިޔާސަތުތަކުގެ ދަށުން އެކަމަށް ކާމިޔާބު ޙައްލުތަކެއް ވަނީ ހޯއްދަވާފައެވެ. އެގޮތުން މާލީ ބޮޑެތި ގޮންޖެހުންތަކާ އެކުވެސް، ބޭރުގެ އެއްވެސް ލޯނެއް ނުދެއްކި މުއްދަތު ހަމަވިޔަނުދީ، އިންޑިއާއާއި ޗައިނާ އަދި އެހެނިހެން މާލީ އިދާރާތަކަށް ދައްކަންޖެހޭ ދަރަނިތަކާއި އިންޓްރެސްޓް ޕޭމަންޓްތައް ދަޢުލަތުން ވަނީ ޤަވާޢިދުން ދައްކައި ޚަލާޞްކޮށްފައެވެ. : ވޭތުވެދިޔަ ސަރުކާރުގައި މެދުކެނޑުމެއްނެތި ދަޢުލަތުގެ ޚަރަދުތަކަށް ފައިސާ ޗާޕުކުރަމުން ދިޔަ ދިއުން، ރައީސް މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެން ވަގުތުން ހުއްޓުވިއެވެ. މިއީ ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމަށާއި، އިންފްލޭޝަން ކޮންޓްރޯލްކޮށް، ދަރަނި އިތުރަށް ބޮޑުވިޔަނުދިނުމަށް އެޅުއްވި އެންމެ ހިތްވަރުގަދަ މާލީ ފިޔަވަޅެވެ. އަދި އެކުވެރި ޤައުމުތަކާއެކު ބޭއްވެވި މަތީ ފަންތީގެ ޑިޕްލޮމެޓިކް މަޝްވަރާތަކުގެ ތެރެއިން، ޗައިނާއާއި އިންޑިއާ ފަދަ ޤައުމުތަކަށް ދައްކަންޖެހޭ ލޯނުތައް އަނބުރާ ދެއްކުމުގައި ލުއި ގޮތްތަކެއް (ރީސްޓްރަކްޗަރިންގ އަދި ރޯލްއޯވަރ) ހަމަޖައްސަވައި، ދަޢުލަތުގެ ކޭޝްފްލޯއަށް ބޮޑު ލުޔެއް ހޯއްދަވައިދެއްވިއެވެ.
ހަމައެއާއިއެކު ބޭރު ފައިސާގެ ރިޒާވް ހީނަރުވިޔަނުދީ ހިފެހެއްޓުމަށާއި ދަރަނި އަދާކުރުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި، ކަރަންސީ ސްވަޕް އެއްބަސްވުންތަކާއި، މެލޭޝިޔާ އަދި ޕާކިސްތާނުގެ މަރުކަޒީ ބޭންކުތައް މެދުވެރިކޮށް އެމްއެމްއޭއަށް 100 މިލިއަން ޑޮލަރުގެ ފެސިލިޓީތައް ހަމަޖެއްސެވުން ފަދަ ބޭރުގެ މާލީ ރައްކާތެރިކަން ކަށަވަރުކުރެއްވިއެވެ.
ޑރ. މުޢިއްޒުގެ ހިނގަމުންމިދާ ވެރިކަމުގެ ކުރީކޮޅު ސިޔާސީ ގޮތުން ފާހަގަކޮށްލެވުނު މުހިންމު ކަންކަމަށް ބަލާއިރު ވެރިކަމަށް ވަޑައިގެންނެވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ކުރީގެ ރައީސް ޔާމީނާ ދެމެދު ސިޔާސީ ޚިޔާލުތަފާތުވުން އުފެދި، ރައީސް ޔާމީން ޕީޕީއެމް ދޫކުރައްވައި ޕީއެންއެފް (ޕީޕަލްސް ނޭޝަނަލް ފްރަންޓް) ގެ ނަމުގައި އައު ޕާޓީއެއް އުފެއްދެވިއެވެ.
އަދި ދަޢުލަތުގެ ބޮޑު ދަރަންޏާއި މާލީ ދަތިކަމުން އަރައިގަތުމަށްޓަކައި، ކުންފުނިތައް "ރައިޓް ސައިޒް" ކުރުމުގެ ގޮތުން ބައެއް ކުންފުނިތައް އުވާލުމަށް އެމަނިކުފާނު ނިންމެވިއެވެ. އަދި ޓެކްސް ނިޒާމަށްވެސް މުހިންމު އިޞްލާޙުތައް އެމަނިކުފާނު ގެންނަވައިފި އެވެ.
އެހެން ވެރިންނާއި ހިލާފަށް ސިޔާސީ ބަދަލުހިފުން ނައްތާލުމުގެ އަމާޒާއިއެކު ސިޔާސީ ބޭނުމެއްގައި އެއްވެސް އިދިކޮޅު ލީޑަރަކު ޖަލަށް ނުލުމަށާއި، ޝަރުޢީ ދާއިރާއަށް ނުފޫޒު ނުފޯރުވުމަށް އެމަނިކުފާނު ގެންގުޅުއްވާ ސިޔާސަތު ވެރިކަމުގައި ހިނގަމުން މިދާ 3 އަހަރުގެ ތެރޭގައި ފާހަގަކުރެވެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމަކީ ޒަމާނީ އިންޖިނިއަރިންގ ޓެކްނޮލޮޖީއާއި، އިސްލާމީ އަދި ދިވެހި ޤައުމީ ވަޙްދަތު ކުރިއަރުވައި، ދިވެހި ޤައުމުގެ ސިޔާދަތާއި މިނިވަންކަން އެންމެ ކުރިއަށް ނެރުއްވި ޒަޢާމަތެކެވެ.
އެމަނިކުފާނުގެ މަޑުމައިތިރި ނަމަވެސް ސާބިތު އަދި ތަރުތީބުވެފައިވާ ހިންގުމުގެ ސްޓައިލާއި، ރަސްމާލެ އަދި ވީއައިއޭ ފަދަ ބިޔަ އުމްރާނީ ތަޞައްވުރުތަކަކީ، ދިވެހިރާއްޖެ އިޤްތިޞާދީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވެ، ފާގަތި މުސްތަޤުބަލަކަށް ވާސިލުވުމަށް އެޅިގެންދާ މުހިންމު ބިންގާތަކެކެވެ.




