








ފޮޓޯ: ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް
އިޓަލީގެ ވެރިރަށް ރޯމުގައި މިމަހުގެ ފަހުކޮޅު ފެށުމަށް ހަމަޖެހިފައިވާ ވޯލްޑް ކެރަމް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ކެރަމް ޓީމުގެ ފަރިތަކުރުންތައް ފަށައިފިއެވެ.
30 ނޮވެމްބަރު 2026 އިން 06 ޑިސެންބަރު 2026 ގެ ނިޔަލަށް ރޯމުގައި ކުރިއަށްދާ މިފަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕަށް އެކުލަވާލެވިފައިވާ ގައުމީ ކެރަމް ޓީމުގައި ޖުމްލަ 10 ކުޅުންތެރިން ހިމެނޭއިރު، އޭގެ ތެރޭގައި ހިމެނެނީ އަންހެން ފަސް ކުޅުންތެރިންނާއި ފިރިހެން ފަސް ކުޅުންތެރިންނެވެ.
ކެރަމް އެސޯސިއޭޝަންގެ ފަރާތުން އޮފިޝަލަކު ގާފު ސްޕޯޓްސްއަށް މައުލޫމާތުދެއްވި ގޮތުގައި ވޯލްޑް ޗެމްޕިއަންޝިޕަށްގައުމީ ޓީމު އެކުލަވާލެވިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހު ކުރިއަށްގެންދިޔަ ނެޝަނަލް ޓީމު ސެލެކްޝަންއަށްފަހު އެވެ.
ކޮންމެ ހަތަރު މަހަކުން އެއްފަހަރު ގައުމީ ޓީމު ސެލެކްޝަން ކުރިއަށްދާއިރު، އިންޓަނޭޝަނަލް މުބާރާތަކަށް ޓީމު އެކުލަވާލަނީ އެންމެ ފަހުން ބޭއްވި ނެޝަނަލް ޓީމު ސެލެކްޝަންގެ ނަތީޖާތަކަށް ބެލުމަށްފަހުއެވެ.
އެގޮތުން މިފަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ ފިރިހެން ޓީމުގައި އިސްމާޢީލް އަޒްމީން، މުހައްމަދު މުންތަސިރު، އިބްރާހީމް ހުޖާން އަލީ، ޚާތިމް ޚަލީލްގެ އިތުރުން ހަސަން ނާޒިމް ހިމެނޭއިރު، އަންހެން ޓީމުގައި ހިމެނެނީ އާމިނާތު ވިދާދް، ޢާއިޝަތު ނަހުފާ، ޢާއިޝަތު ފައިނާޒް، އާމިނަތު ވިޝާމާގެ އިތުރުން އާމިނަތު ޝުބާ އާދަމް އެވެ.
އިތުރަށް ވާހަކަދައްކަމުން ކެރަމް އެސޯސިއޭޝަންގެ އޮފިޝަލް ވިދާޅުވީ މުބާރާތުގެ ކުރިން ގައުމީ ޓީމު އިންޑިއާގައި ކޭމްޕްކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
މިވަގުތު ޓީމުގެ ފަރިތަކުންތައް ކުރިއަށްދަނީ ދިވެހި ކޯޗަކާއެކު، ނަމަވެސް މިމަހު 14 ވަނަ ދުވަހުން ފެށިގެން އިންޑިއާގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޓްރޭނިންގ ކޭޕްގައި ދިވެހި ކުޅުންތެރިންނަށް އިންޑިއާގެ ތަޖުރިބާކާރު ކޯޗެއްގެ އިރުޝާދު ލިބިގެންދާނެެވެ. އަދި މުބާރާތުގައި ވާދަކުރުމަށް ގައުމީ ޓީމު ރޯމަށް ދިއުމަށް ހަމަޖެހިފައިވަނީ އިންޑިއާ އިންނެވެ.








