








އޭޝިއަން ހޭންޑްބޯޅަ ފެޑަރޭޝަން، ރެފްރީސް ކޯސް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން.. ފޮޓޯ: ހޭންޑްބޯޅަ މޯލްޑިވްސް
އޭޝިއަން ހޭންޑްބޯލް ފެޑެރޭޝަން (އޭއެޗްއެފް) ގެ ކޮންޓިނެންޓަލް ރެފްރީސްގެ ބެޖް ރާއްޖޭގެ ހަތަރު ރެފްރީއަކު ހާސިލްކޮށްފިއެވެ.
23 އޮކްޓޫބަރު 2026 އިން 3 ނޮވެމްބަރު 2026 ގެ ނިޔަލަށް ޕާކިސްތާނުގެ ފައިސަލްއާބާދުގައި ކުރިއަށްދިޔަ އޭޝިއަން ހޭންޑްބޯލް ފެޑެރޭޝަންގެ ކޮންޓިނެންޓަލް ރެފްރީސް ކޯހުގައި ބައިވެރިވި ރާއްޖޭގެ ހަ ބައިވެރިންގެ ތެރެއިން އޭއެޗްއެފް ބެޖް ހާސިލްކޮށްފައިވަނީ ފާތިމަތު މަލްޝާ، އައިޝަތު ޝިމްލާ، ފަތުހުالله ޖަމީލް އަދި އަފްނާން އަހުމަދު އެވެ.
މި ކޯހުން ފާސްވި ބައިވެރިންނަށް އޭޝިއަން ފެޑެރޭޝަންގެ ރެފްރީކަންކުރުމުގެ ހުއްދަ ލިބުމުގެ އިތުރުން، ބައިނަލްއަޤވާމީ މުބާރާތްތަކުގައި ރެފްރީކަން ކުރުމުގެ ފުރުސަތު ފަހިވެފައިވާއިރު، މިއީ ރާއްޖޭގެ ހޭންޑްބޯލް ރެފްރީންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
ޖުމްލަ ހަތަރު ގައުމަކުން މި ކޯހުގައި ބައިވެރިވެފައިވާއިރު ސައުތް ސެންޓަރަލް އޭޝިއާ ސަރަހައްދުގައި މި ކޯސް ބޭއްވި މިއީ ފުރަތަމަ ފަހަރެވެ.
މި ކޯހުގައި މިއަހަރު ރާއްޖެ އިން ބައިވެރިވެފައިވަނީ އަންހެން 1 ޕެއާ އަދި ފިރިހެން 2 ޕެއާއެވެ. އަންހެން ބައިވެރިންނަކީ ފާޠިމަތު މަލްޝާ އަދި އައިޝަތު ޝިމްލާ އެވެ. އަދި ފިރިހެން ބައިވެރިންނަކީ މުހައްމަދު ޝަނީފް، މަމްދޫޙް ޚަލީލް، ފަތުހު ﷲ ޖަމީލް އަދި އަފްނާން އަހުމަދު އެވެ.








