








-
ރާއްޖޭގައި ދަތުގެ ފަރުވާ ދިނުމުގައި އެންމެ އިތުބާރު ހޯދާފައިވާ އެއް ކްލިނިކް ކަމަށްވާ މާސްޓަރ ޑެންޓަލް ކެއާ (އެމްޑީސީ) ގެ 15 ވަނަ އަހަރީ ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.
ޣިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ބޭއްވި އެމްޑީސީގެ 15 ވަނަ އަހަރީ ދުވަހުގެ ޚާއްޞަ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމެވެ. މި ރަސްމިއްޔާތުގައި އެމްޑީސީގެ އިސްވެރިންނާއި، މިހާރުގެ މުވައްޒަފުންގެ އިތުރުން އެ ކުންފުނީގެ ޕާޓްނަރުންނާއި، ފާއިތުވި ދިގު މުއްދަތުގައި އެ ކްލިނިކަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ކުރީގެ މުވައްޒަފުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޖަލްސާގައި އެމްޑީސީން ވަނީ އެ ކްލިނިކްގެ ކުރިއެރުމުގެ މައިބަދަކަމުގައިވާ މުވައްޒަފުންގެ އަގު ވަރަށް ފުރިހަމައަށް ވަޒަންކޮށްފައެވެ. އެގޮތުން 80 އަށްވުރެ ގިނަ މުވައްޒަފުންގެ އަގުވަޒަންކޮށް ހަނދާނީ ފިލާ ދީފައިވާއިރު، ކުންފުންޏަށް އެންމެ ގިނަ ދުވަހު ޚިދުމަތްކޮށްދިން މުވައްޒަފުންނާއި، އެންމެ ހިދުމަތްތެރި ތިން މުވައްޒަފުން ވަނީ ހޮވާފައެވެ. މީގެއިތުރުން، އެމްޑީސީއަށް މެދުކެނޑުމެއްނެތި 10 އަހަރު ދުވަހު އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާތީ، އެ ކްލިނިކްގެ ސީނިއަރ ރެޖިސްޓްރާރ ކޮންސަލްޓަންޓް ސާޖަން އަދި ހެޑް އޮފް ޑިޕާޓްމަންޓް (އެޗްއޯޑީ) ޑރ. ނުހާ ޢަބްދުލްޤުއްދޫސްގެ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން އެ ކުންފުނިން ވަނީ އޭނާއަށް ޙައްޖު ދަތުރެއް ހަދިޔާކޮށްފައެވެ.

8P6A0687.jpg
ފާއިތުވި 15 އަހަރުގެ ތެރޭގައި މާސްޓަރ ޑެންޓަލް ކެއާއިން ވަނީ ރާއްޖޭގެ ދަތުގެ ފަރުވާގެ ދާއިރާއަށް ބޮޑެތި އިންގިލާބީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މިވަގުތުވެސް 22 ޑެންޓިސްޓުންގެ ފަންނީ ޓީމަކުން އެ ކްލިނިކުގައި ޚިދުމަތް ދެމުން އަންނައިރު، ދުނިޔޭގެ ފެންވަރުގެ ޒަމާނީ ވަސީލަތްތައް އެތަނުގައި ވަނީ ޤާއިމުކޮށްފައެވެ. އޭގެ ތެރޭގައި ޑިޖިޓަލީ ގައިޑެޑް ޑެންޓަލް އިމްޕްލާންޓް ޕްރޮސީޖަރ، ޑިޖިޓަލް އެކްސްރޭ، އޯޕީޖީ (OPG)، ސީބީސީޓީ (CBCT) ޓެކްނޮލޮޖީގެ އިތުރުން ތަދު ކުޑަކުރުމަށް ބޭނުންކުރާ ނައިޓްރަސް އޮކްސައިޑް ސެޑޭޝަން އަދި އެންމެ ޒަމާނީ ޑެންޓަލް ލެބޯޓަރީގެ ޚިދުމަތްތައް ހިމެނެއެވެ.
ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމުގެ ގޮތުން، އެ ކްލިނިކުން މިއަހަރު ވަނީ އަލަށް "އެލައިން މާސްޓަރ" ގެ ޚިދުމަތް ތަޢާރަފުކުރުމުގެ އިތުރުން، އޮތޯޑޮންޓިކްސް ޑިޕާޓްމަންޓަކާއި ސާޖިކަލް ޚާއްޞަ ޑިޕާޓްމަންޓެއްވެސް އަލަށް ޤާއިމުކޮށް ޚިދުމަތް ދޭން ފަށާފައެވެ.

8P6A0823.jpg
މާސްޓަރ ޑެންޓަލް ކެއާއިން ބުނީ، އެ ކުންފުނީގެ އަބަދުވެސް އަމާޒަކީ ދިވެހި ރައްޔިތުންނަށް ދަތުގެ ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދާންނުޖެހި، އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީއާއެކު ރައްކާތެރި އަދި އިތުބާރުހުރި ފަރުވާ ރާއްޖެއިން ފޯރުކޮށްދިނުން ކަމަށެވެ.








