








ރައްޔިތުންގެ މަޖިލިސް
ބަޖެޓް ބަހުސްގައި މެންބަރަކަށް 15 މިނިޓް، މިނިސްޓަރަށް 45 މިނިޓްދޭން ފާސްކޮށްފިއެވެ.
މިގޮތަށް ފާސްކުރީ ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީންނެވެ.
މަޖިލީހަށް ހުށަހަޅާ އެކި މައްސަލަތަކަށް ބަހުސް ކުރިއަށްގެންދާނެ ވަގުތާއި، ބަހުސްގައި ކޮންމެ މެންބަރަކަށް ވާހަކަދައްކަންދޭނެ ވަގުތު، މަޖިލީހުގެ ގަވާއިދުގައި ބުނާގޮތުން ކަނޑައެޅުން އޮންނަނީ އާއްމު ކޮމިޓީއަށެވެ.
އެގޮތުން ބަޖެޓް ބަހުސްގައި މެންބަރުންނަށް ވާހަކަ ދައްކަން ދޭނެ ވަގުތާއި، ބަޖެޓު ބަހުސްގައި މެންބަރުން ދައްކާ ވާހަތަކުގައި އިތުރަށް ކަންކަން އޮޅުން ފިއްލުއްވުމަށް ފިނޭންސް މިނިސްޓަރާ ކުރައްވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް މިނިސްޓަރަށް ދޭނެ ވަގުތެއް ކަނޑައަޅަން މިއަދު ބޭއްވި އާއްމު ކޮމިޓީގެ ބައްދަލުމުގައި ހުށަހެޅުންތައް ހުށަހެޅުއްވީ، ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ އެވެ.
މެމްބަރ ހުށަހެޅުއްވީ، ބަޖެޓް ބަހުސްގައި ކޮންމެ މެންބަރަކަށް 15 މިނިޓްގެ ފުރުސަަތެއް ދެއްވުމަށާއި ބަޖެޓު ކޮމިޓީން ބަޖެޓު ދިރާސާކޮށް މަޖިލީހަށް ހުށަޅާ ރިޕޯޓަށް ބަހުސް ކުރުމަށް ކޮންމެ މެންބަރަކަށް ހަތް މިނިޓުގެ ފުރުސަތެއް ދެއްވުމަށެވެ. އަދި ބަޖެޓް ބަހުސްގައި މެންބަރުން ކުރާ ސުވާލުތަކަށް ޖަވާބު ދެއްވަން ފަހުގެ އެކި ވަގުތުތަކުގައި ބޭނުންކުރަން ޖުމްލަ 45 މިނެޓުގެ ވަގުތެއް ފިނޭންސް މިނިސްޓަރަށް ދެއްވުމަށް ވަނީ ހުށަހަޅުއްވާފައެވެ.
ދީދީ ވިދާޅުވީ މިދިޔަ އަހަރުވެސް އެކަންތައް ކުރިއަށްގެންދިޔައީ އެގޮތަށް ކަމަށެވެ.
މެންބަރު އިބްރާހިމް ދީދީގެ ހުށަހެޅުއްވުމަށް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހައްނާނު އަބޫބަކުރު ތާއީދުކުރައްވާ، އެގޮތަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
އަންނަ އަހަރަށް ލަފާކޮށް 59.7 ބިލިޔަން ރުފިޔާގެ ބަޖެޓެއް ފިނޭންސް މިނިސްޓަ ހަސަން ޒަރީރު މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މަޖިލިސް ގަވާއިދު ބުނާގޮތުން މަޖިލިސް ތަޅުމުގައި ބަޖެޓު ބަހުސް ފަށާނީ، ބަޖެޓް މަޖިލީހަަށް ހުށަހަޅާ ދުވަހުން ފެށީގެން ހަތް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހުގައެވެ.
މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބުނާ ހަތް ދުވަހުގެ މުއްދަތު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދެއްވުމަށްފަހު، ބަޖެޓް ބަހުސް ކުރިއަށްގެންދަން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެންޑާ ކުރައްވާނެ ކަމަށެވެ.








