



.jpg?w=3840&q=75)




ދައުލަތެއްގެ އިޤްތިޞާދީ ދުޅަހެޔޮކަމާއި ހަމަޖެހުން ބިނާވެފައިވަނީ އެ ޤައުމެއްގެ މާލީ ސިޔާސަތުތައް ރޭވި، ތަންފީޒުކުރެވޭ ހަރުދަނާ މިންވަރެއްގެ މައްޗަށެވެ. އަހަރަކަށް ފަހު އަހަރެއް ދައުލަތުގެ ބަޖެޓު އެކުލަވައިލެވެމުންދާއިރު، އެންމެ ބޮޑު ސަމާލުކަމެއް ދެވޭ އެއް ކަމަކީ ބަޖެޓުގެ ޑެފިސިޓް ކުޑަކުރުމަށާއި، ދަރަނި ދެމެހެއްޓެނިވި މިންވަރެއްގައި ހިފެހެއްޓުމަށެވެ. މިގޮތުން، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ޙަސަން ޒަރީރު ވަނީ ރާއްޖޭގެ މާލީ ހާލަތާއި ކުރިމަގުގެ އަމާޒުތަކާ ގުޅޭ މުހިންމު ތަފާސްހިސާބުތަކެއް ހާމަކުރައްވާފައެވެ.
ވަޒީރު ހާމަކުރެއްވި ގޮތުގައި، މި ހިނގާ އަހަރު ނިމޭއިރު ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ޑެފިސިޓް ހުންނާނެ ކަމަށް ލަފާކުރެވެނީ 7.6 ބިލިޔަން ރުފިޔާގައެވެ. މިއީ ޤައުމީ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީގެ ނިސްބަތުން ބަލާއިރު %6.2 އެވެ. ނަމަވެސް، އަންނަ އަހަރު މި ޢަދަދު 9.4 ބިލިޔަން ރުފިޔާއަށް އަރާނެ ކަމަށް އަންދާޒާކުރެވޭއިރު، އެއީ ޖީޑީޕީގެ ނިސްބަތުން %7.3 ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެއިތުރުން، ޕްރައިމަރީ ބެލެންސަށް ބަލާއިރު، މި އަހަރު ޖީޑީޕީގެ ނިސްބަތުން އެ ޢަދަދު %2.5 ގައި ހުންނާނެ ކަމަށް ލަފާކުރެވޭއިރު، އަންނަ އަހަރު ނިމެންވާއިރަށް އެ ނިސްބަތް %3.4 އަށް އުފުލޭނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.
މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި ދައުލަތުގެ ސީދާ ދަރަނި ދަށްކުރުމަށް ޚާއްޞަ ލަނޑުދަނޑިތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، 2027 ވަނަ އަހަރު ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ސީދާ ދަރަނި ހުންނާނެކަމަށް އަންދާޒާކުރެވެނީ %117 ގައެވެ. އަދި 2028 ވަނަ އަހަރު އެ ޢަދަދު %116.3 އަށް ތިރިވާނެ ކަމަށް ލަފާކުރެވޭއިރު، 2029 ވަނަ އަހަރަށް ދަރަނި %107.9 އަށް ތިރިކުރުމުގެ އަމާޒު ބަޖެޓުގައި ވަނީ ހިމަނާފައެވެ. ސަރުކާރުގެ މި ހުރިހާ މަސައްކަތްތަކެއްގެ މައިގަނޑު މަޤުޞަދަކީ 2028 ވަނަ އަހަރު ނިމެންވާއިރަށް، ދައުލަތުގެ އޯވަރޯލް ބެލެންސް ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން %5 އަށް ދަށްކުރުމެވެ. ހަމައެއާއެކު، އެ އަހަރު ޕީއެސްއައިޕީގެ ޚަރަދުވެސް ޖީޑީޕީގެ ނިސްބަތުން %7 އަށް ދަށްކުރެވޭނެ ކަމަށް ވަނީ އަންދާޒާކުރެވިފައެވެ.
ދުނިޔޭގެ ބައިނަލްއަޤުވާމީ މަސްރަހަށް އަންނަމުންދާ ބޮޑެތި ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ބަޖެޓަށްވެސް ނޭދެވޭ އަސަރުތަކެއް ކުރިމަތިވަމުން ދެއެވެ. އެހެންނަމަވެސް، މި ހިނގާ އަހަރުގެ ބަޖެޓު ޑެފިސިޓް، ރައްޔިތުންގެ މަޖިލީހުން ފާސްކުރި މިންވަރުގައި ހިފެހެއްޓޭނެ ކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ. މިއީ ބަޖެޓު ތަންފީޒުކުރުމުގައި އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާއެވެ. އަދި އަންނަ އަހަރުވެސް މި ހަރުދަނާ ފިޔަވަޅުތައް އެގޮތުގައި ދަމަހައްޓާނެ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.
މާލީ އިސްލާޙީ ފިޔަވަޅުތަކާއެކު، މިދިޔަ އަހަރެކޭ އެއްފަދައިން މި އަހަރުވެސް އެއްވެސް ސަޕްލިމެންޓަރީ ބަޖެޓެއް ހުށަނާޅައި އަހަރު ނިންމާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަކީ ތަޢުރީފު ޙައްޤު މަސައްކަތެއް ކަމެވެ. ދައުލަތުގެ ފިސްކަލް ނިޒާމު އިތުރަށް ހަރުދަނާކޮށް، ލޯނުތައް އަނބުރާ ދެއްކުމަށް އިސްކަންދީގެން އަހަރުން އަހަރަށް ޑެފިސިޓް ކުޑަކުރުމަށް އެޅޭ މިފަދަ ފިޔަވަޅުތަކަކީ ޤައުމުގެ މުސްތަޤުބަލާއި އިޤްތިޞާދީ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި ނުހަނު ބޭނުންތެރި، މުހިންމު ފިޔަވަޅުތަކެކެވެ.




.jpg?w=3840&q=75)



.jpeg?w=3840&q=75)