

%20(4).jpeg?w=3840&q=75)





-
ރައްޔިތުންގެ މަޖިލީހުން އެމަނިކުފާނަށް ފުރިހަމަ އިތުބާރު އޮތް ކަމަށް ނިންމެވި ނިންމެވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތުތަކަށާއި ދުރުވިސްނޭ ޙިކްމަތްތެރި ނިންމެވުންތަކަށް ރައްޔިތުންގެ މެދުގައި އޮތް އިތުބާރާއި ޔަޤީންކަން ރަމްޒުކޮށްދޭ ކަމެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދުގެ އިތުބާރު ނެތް ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ މަޖިލީހުން ފާސްނުވެ، އެމަނިކުފާނަށް މަޖިލީހުގެ ފުރިހަމަ އިތުބާރު އޮތް ކަމަށް މިއަދު ވަނީ ފާސްކޮށްފައެވެ.
މި މައްސަލައިގައި މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުން ސަޢީދުގެ އިތުބާރު އޮތް ކަމަށް ނިންމުމާ ގުޅިގެން، އެމަނިކުފާނު ވަނީ އެކްސްގައި ޚާއްޞަ ޕޯސްޓެއް ޙިއްޞާކުރައްވައި ޝުޢޫރު ފާޅުކުރައްވާފައެވެ. ސަޢީދު ވިދާޅުވީ، މަޤާމުން ވަކިކުރުމަށް ވެއްދި މައްސަލާގައި ޖަވާބުދާރީވާން ލިބުނު 60 މިނިޓުގެ ތެރޭގައި، އެމަނިކުފާނުގެ ލަޔާޤަތާއި ޤާބިލިއްޔަތު ތަންދިން އެންމެ މަތީ ދަރަޖައަކަށް، ނުހަނު ތެދުވެރިކަމާއެކު މަޖިލީހަށް ހަޤީޤަތްތައް ބަޔާންކޮށްދެއްވާފައިވާނެ ކަމަށެވެ. އަދި އެމްޑީޕީން ކުރި ސުވާލުތަކުގެ ތެރޭގައި އެމަނިކުފާނުގެ މެންޑޭޓާ ސީދާ ނުގުޅޭ އެތައް ކަމެއް ހުރި ނަމަވެސް، ހުރިހާ ސުވާލަކަށްވެސް ފުރިހަމައަށް ޖަވާބުދާރީވެވަޑައިގެންނެވި ކަމަށް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި، ޕީޖީ ލީޑަރު އިބްރާހީމް ފަލާޙުގެ އިތުރުން ވެރިކަންކުރާ ޕީއެންސީގެ މަޖިލިސް މެންބަރުން ބެހެއްޓެވި ގާތްކަމަށާއި ކުރެއްވި އިތުބާރަށް މިނިސްޓަރު ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.
މީގެއިތުރުން ސަޢީދު ފާހަގަކުރެއްވި ގޮތުގައި، މަޖިލީހުން އެމަނިކުފާނަށް ފުރިހަމަ އިތުބާރު އޮތް ކަމަށް ނިންމެވި ނިންމެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ދުރުވިސްނޭ، ޙިކްމަތްތެރި ސިޔާސަތުތަކަށާއި މެނިފެސްޓޯއަށް ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ދައްކުވައިދޭ ހެއްކެކެވެ. ރާއްޖެ ބަނގުރޫޓުވިޔަ ނުދީ ސަލާމަތްކުރައްވައި، ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މަތިކުރައްވައި، މާލީ އިތުބާރު އަލުން އިޔާދަކޮށްދެއްވީ ރައީސް މުޢިއްޒު ކަމަށާއި، މިނިސްޓަރެއްގެ ހައިސިއްޔަތުން އެމަނިކުފާނު ތަންފީޒުކުރައްވަމުން ގެންދަވަނީ އެ ހަރުދަނާ ތަޞައްވުރު ކަމަށް ސަޢީދު ވިދާޅުވިއެވެ.
ނިމިދިޔަ ސަރުކާރުތަކާ ޚިލާފަށް ރައީސް މުޢިއްޒުގެ ސަރުކާރަކީ ރައްޔިތުންނަށް ޖަވާބުދާރީވުމުގައި ނަމޫނާ ދައްކަމުން އަންނަ ދެފުށް ފެންނަ ސަރުކާރެއްކަން ފާހަގަކުރައްވަމުން، މި ސަރުކާރުގެ ކާމިޔާބީގެ އަސްލަކީ ޤައުމާއި ދީން އިސްކޮށް، ޤާނޫނުއަސާސީގެ ތެރެއިން އެކަތިގަނޑެއްގެ ގޮތުގައި ކުރަމުންދާ މަސައްކަތް ކަމަށްވެސް މިނިސްޓަރު ސަޢީދު ވިދާޅުވިއެވެ.


%20(4).jpeg?w=3840&q=75)



