








އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތްކަމުގެ މަައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މިއަދުގެ މަޖިލިސް ޖަލްސާ އަށް މި މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރެވެ.
އޭނާ މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ 13 މެމްބަރުންގެ ސޮޔާއި އެކުއެވެ.
މި މައްސަލަ ހުށަހަޅުއްވަމުން މިނިސްޓަރާއި ދެކޮޅަށް ހަ ތުހުމަތެއް މައުރޫފު ކުރެއްވިއެވެ. އެންމެ ބޮޑަށް ފާހަގަކުރެއްވީ ޑޮލަރުގެ ކަޅު ބާޒާރުގެ ރޭޓު މައްޗަށް ދިޔުމާއި، ސަރުކާރުން އިޢުލާންކުރި ބޮޑެތި ޕްރޮޖެކްޓްތައް ހުއްޓިފައި އޮތުމާއި، ސްޕެޝަލް އިކޮނޮމިކް ޒޯން ޤާނޫނަށް ގެނައި ބަދަލުތަކުގެ ސަބަބުން ޤައުމުގެ ސިޔާދަތަށް ނުރައްކާވާ ކަމަށް ބުނާ ތުހުމަތެވެ. އަދި މަޖިލީހަށް ޖަވާބުދާރީ ނުވެވަޑައިގަތުމާއި، ވިޔަފާރިތައް ރައްކާތެރި ނުކުރެއްވުމާއި، ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގައި ފަރުވާކުޑަކުރެއްވުން ހިމެނެއެވެ.
މިނިސްޓަރުގެ އިތުބާޜު ނެތްކަމުގެ މައްސަލައިގަ ބަހުސް ކުރުމަށް ހަމަޖެހިފައިވަނީ ދެ ގަޑިއިރަށެވެ. އެ ދެ ގަޑިއިރުގެ ކުރިން ޖަވާބު ދާރީވުމަށް މިނިސްޓަރު ސައީދަށް މަޖިލީހުގެ ރިޔާސަތުން ފުރުސަތު އަރުވާފައި ވެ އެވެ.
ސައީދަކީ ވެރިކަން ކުރާ ޕީއެންސީގައި ވަރަށް މަގުބޫލު ބޭފުޅެކެވެ. އެހެން ކަމުން މަޖިލީހުގެ ތެރެއިން މި މައްސަލަ ކާމިޔާބު ވުމަކީ ވަރަށް ނާދިރު ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.




