





ވިލާ ކޮލެޖް ސްޓޫޓެންޑް އެސޯސިއޭޝަންގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު އުފާފާޅުކުރަނީ.. ފޮޓޯ: ގާފު ސްޕޯޓްސް
މިހާރު ކުރިއަށްދާ ގާފު އައިޔޫއެމްއެސްޔޫ ބީޗް ހޭންޑްބޯޅަ ފިއެސްޓާ 2026، ފިރިހެން ޑިވިޝަންގެ ފައިނަލުގައި މިރޭ އެންމެ ފަހުގެ ޗެމްޕިއަން މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއި ވާދަކޮށް 2-0 ގެ ނަތީޖާއަކުން މޮޅުވެ ވިލާ ކޮލެޖް ސްޓޫޑަންޓް އެސޯސިއޭޝަން (ވީސީއެސްއޭ) އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
24 އޮކްޓޯބަރު 2026 އިން 31 އޮކްޓޯބަރު 2026 ގެ ނިޔަލަށް ކުރިއަށްދިޔަ މިމުބާރާތުގެ ފިރިހެން ޑިވިޝަންގައި މިއަހަރު ޖުމްލަ ހަތަރު ޓީމަކުން ވާދަކުރިއިރު، މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ޓީމު ފައިނަލަށް ހޮވޭގޮތަށެވެ. އަދި ލީގުބުރުގެ ދެވަނަ ޓީމާއި ތިންވަނަ ޓީމުގެ މެދުގައި ސެމީފައިނަލް މެޗެއް ކުޅެ މޮޅުވާ ޓީމަކަށް ފައިނަލްގެ ދެވަނަ ޖާގަ ލިބޭގޮތަށެވެ.
ލީގުބުރުގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ފައިނަލުގެ ފުރަތަމަ ޖާގަ ވީސީއެސްއޭ އިން ހޯދިއިރު، އެެންމެ ފަހުގެ ޗެމްޕިއަން އެމްއެންޔޫ ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގައި 2-0 ގެ ނަތީޖާއަކުން އެވިޑް ބަލިކުރުމަށްފަހު އެވެ. އަދި ލީގުބުރުގައި މިދެޓީމު ވާދަކުރި މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ވީސީއެސްއޭ އިންނެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގެ ބީޗް ހޭންޑްބޯޅަ ކޯޓުގައި ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ސެޓް 10 ޕޮއިންޓްގެ ބޮޑު ލީޑަކާއެކު 16-26 ގެ ތަފާތުބޮޑު ނަތީޖާއަކުން ވީސީއެސްއޭ ކާމިޔާބުކުރިއިރު، މެޗުގެ ދެވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ 17 ޕޮއިންޓްގެ ބޮޑު ލީޑަކާއެކު 11-28 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.
އެގޮތުން މިމެޗުގަައި ވީސީއެސްއޭގެ މުހައްމަދު އަފްއާން އާތިފު 18 ޕޮއިންޓް ކާމިޔާބުކުރިއިރު، އެޓީމުގެ ޒައިދު މުހައްމަދު ތައުފީގް 16 ޕޮއިންޓް، އަޔާން ނިޔާޒް 12 ޕޮއިންޓް އަދި މުހައްމަދު އަދްޔަން ނިޔާޒް ވަނީ އަށް ޕޮއިންޓް ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން މިމެޗުގައި އެމްއެންޔޫގެ އިސްމާއިލް ޖަޒްލާން 14 ޕޮއިންޓް ކާމިޔާބުކުރިއިރު. އެޓީމުގެ އިސްމާއިލް ޖަޒްލާން 14 ޕޮއިންޓް، ރިޒްޚާން އަހުމަދު ރިޒާ ހަތް ޕޮއިންޓް، ހަސަން އަޔާޒް ނިޒާރު ފަސް ޕޮއިންޓް އަދި މުހައްމަދު އަލްސަން އަސްލަމް ވަނީ މިމެޗުގައި އެއްޕޮއިންޓް ކާމިޔާބުކޮށްފައެވެ.
މުބާރާތުގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންނަކީ ޒައިދު މުހައްމަދު ތައުފީގް (ވީސީއެސްއޭ)، މުހައްމަދު އަފްއާން އާތިފް (ވީސީއެސްއޭ)، އިސްމާއިލް ޖަޒްލާން (އެމްއެންޔޫ) އަދ އަޔާން މުހައްމަދު ޒާހިރު (އެމްއެންޔޫ ) އެވެ.
މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ އެމްއެންޔޫގެ ކޯޗު ޝައިހާން އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވީސީއެސްއޭގެ ޒައިދު މުހައްމަދު ތައުފީގް އެވެ.







