








މެންޗެސްޓާ ޔުނައިޓެޑާއި ރޯމާ ވާދަކުރި މެޗުގެ ތެރެއިން...
ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ރޯމާ އާއި ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑުން ކާމިޔާބުކޮށްފި އެވެ.
ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުގައި ކޯމޯ އަތުން 4-1 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، މިއީ ހުރިހާ މުބާރާތެއްގައި އެންމެ ފަހުން ކުޅުނު 10 މެޗުގެ ތެރެއިން އެޓީމު މޮޅުވި ފުރަތަމަ މެޗެވެ. އަދި ޗެމްޕިއަންސް ލީގުގައި ރޯމާ އެންމެ ފަހުން ކުޅުނު މެޗުގައި ރެއާލް މެޑްރިޑާއި ވާދަކޮށް 4-3 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ.
މެންޗެސްޓާ ޔުނައިޓެގެ އޯލްޑް ޓްރަފޯޑްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ރޯމާ އިން މެޗު ޑޮމިނޭޓްކުރިއިރު، މެޗުގެ ވަރަށް ކުރީކޮޅު އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. އަދި މިލަނޑު ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް މަޓިއަސް ސޯލް އެވެ.
ރޯމާ އިން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ފޯވާޑް ޑޮންޔަލް މާލަން އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ރޯމާ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ޔުނައިޓެޑުން ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މެޗުގެ 58 ވަނަ މިނެޓުގައި ޔުނައިޓެޑަށް ލިބުނު ޕެނަލްޓީއަކުން ކެޕްޓަން ބުރޫނޯ ފެނާންޑޭސް ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށްނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.
ޔުނައިޓެޑުން ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 83 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވާޑް މެތިއަސް ކުންޔާއެވެ. އަދި އޭގެ ތިން މިނެޓް ފަހުން ކުންޔާ ވަނީ އިތުރު ލަނޑެެއް ކާމިޔާބުކޮށް މިމެޗުގައި ފުރަތަމަ ފަހަރަށް ޔުނައިޓެޑަށް ލީޑު ހޯދައިދީފައެވެ.
ނަމަވެސް މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކުރި ފައުލަކާއި ގުޅިގެން މެޗުގެ ރެފްރީ ވަނީ ކުންޔާއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކައި ދަނޑު ފޮނުވާލާފައެވެ. މިއާއެކު ޔުނައިޓެޑުން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ.
މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ހަތަރު މެޗުން މެންޗެސްޓާ ޔުނައިޓެޑަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ 17 ވަނައިގައެވެ. އަދި މިމެޗުން ބަލިވި ރޯމާ އިން ލީގުބުރުގައި ކުޅުނު ހަތަރު މެޗުން ހޯދި ހަަތަރު ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 19 ވަނައިގައެވެ.




