








ރަފީނިއާ އަދި ލަމީން ޔަމާލް...
ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި އެސްޓަން ވިލާ އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން ބާސެލޯނާ އިން ކާމިޔާބުކޮށްފިއެވެ.
ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އެންމެ ފަހުން ކުޅުނު މެޗުގައި ޕީއެސްޖީ އަތުން ރަށުން ބޭރުގައި 4-2 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، އެސްޓަން ވިލާ އިން ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ ނޯވޭގެ ވައިކިން 3-1 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ.
ބާސެލޯނާގެ ކޭމް ނޯގައި ކުޅުނު މިމެޗުގެ ހަތްވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. އެސްޓަން ވިލާގެ ފަހަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ލަމީން ޔަމާލް އެވެ.
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ބާސެލޯނާ އިން އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، އެޓީމުގެ ދެވަނަ ލަނޑު މެޗުގެ 52 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރަފީނިއާ އެވެ. އަދި އޭގެ 12 މިނެޓް ފަހުން ރަފީނިއާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މިމެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.
މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ހަތަރު މެޗުން ހޯދި ނުވަ ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ތާވަލުގެ ދެވަނައިގައި ބާސެލޯނާ މިވަގުތު އޮތްއިރު، މިމެޗުން ބަލިވި އެސްޓަން ވިލާ އިން ލީގުބުރުގައި ކުޅުނު ހަތަރު މެޗުން ހޯދި ނުވަ ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ތިންވަނައިގައެވެ




