








ބަޔާން މިޔުނިކާއި އެތްލެޓިކޯ މެޑްރިޑް ވާދަކުރި މެޗުގެ ތެރެއިން...
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރަށުން ބޭރުގައު އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ބަޔާން މިއުނިކުން ލީގު ތާވަލުގެ އަށް ވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ޗެމްޕިއަންސް ލީގުގައި ބަޔާން މިޔުނިކް އެންމެ ފަހުން ކުޅުނު މެޗުގައި އާސެނަލް އާއި ވާދަކޮށް 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު، އެތްލެޓިކޯ މެޑްރިޑުން އެންމެ ފަހުން ކުޅުނު މެޗުގައި ޖަރުމަނުގެ ސްޓުޓްގާޑް އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ.
މެޑްރިޑްގެ މެޓްރޮ ޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ބަޔާން މިޔުނިކުން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިހާފުގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑުޖަހާނެ މާކަރަނގަޅު ހުސް ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ.
މެޗުގެ ދެވަނަ ހާފުގައި ދެޓީމުން ވެސް ވަނީ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. އަދި މެޗުގެ 54 ވަނަ މިނެޓުގައި ބަޔާން މިޔުނިކްގެ ޒުވާން މިޑްފިލްޑަރު ލެނަޓް ކާލް ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މެޗުގެ ލީޑު ހޯދައިދީފައެވެ.
މި ލަނޑު އޭނާ ކާމިޔާބުކުރީ އެތުލެޓިކޯގެ ޑިފެންޑަރު ރޮބިން ލެ ނޯމަންޑަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ކީޕަރު ޔާން އޮބްލަކް ބޯމަތިން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
ބަޔާން މިޔުނިކުން ލީޑު ފުޅާކުރި ލަނޑު މެޗުގެ 74 ވަނަ މިނެޓުގައކ ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ކޮންރަޑް ލައިމާއެވެ. މިއީ އެޓީމުގެ އިނގިރޭސި ފޯވާޑް ހެރީ ކޭން ތަނަވަސްކޮށްދިން ފުރުސަތެއްގައި، މުޅިން ހުސްކޮށް ހުރެ ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ މަތީ ދާގަނޑަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-0 ގެ ނަތީޖާއަކުން ބަޔާން މިޔުނިކް ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ކުޅުނު ހަތަރު މެޗުން ހޯދި އަށް ޕޮއިންޓާއެކު ތާވަލުގެ އަށްވަނައިގައި ބަޔާން މިޔުނިކް މިވަގުތު އޮތްއިރު، މިމެޗުން ބަލިވި އެތްލެޓިކޯ މެޑްރިޑުން ލީގުބުރުގައި ކުޅުނު ހަތަރު މެޗުން ހޯދި ހަތަރު ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 22 ވަނައިގައެވެ.








