





އެމްއެންޔޫގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު އުފާފާޅުކުރަނީ.. ފޮޓޯ: ގާފު ސްޕޯޓްސް
މިހާރު ކުރިއަށްދާ ގާފު އައިޔޫއެމްއެސްޔޫ ބީޗް ހޭންޑްބޯޅަ ފިއެސްޓާ 2026، އަންހެން ޑިވިޝަންގެ ފައިނަލުގައި މިރޭ ވިލާ ކޮލެޖް ސްޓޫޑަންޓް އެސޯސިއޭޝަން (ވީސީއެސްއޭ) އާއި ވާދަކޮށް 2-0 ގެ ނަތީޖާއަކުން މޮޅުވެ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން މުބާރާތުގެ ތަށި ދިފާއުކޮށްފިއެވެ.
24 އޮކްޓޯބަރު 2026 އިން 31 އޮކްޓޯބަރު 2026 ގެ ނިޔަލަށް ކުރިއަށްދިޔަ މިމުބާރާތުގެ އަންހެން ޑިވިޝަންގައި މިއަހަރު ޖުމްލަ ފަސް ޓީމަކުން ވާދަކުރިއިރު، މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާ ހޯދި ހަތަރު ޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.
މުބާރާތުގެ ފައިނަލުން ވީސީއެސްއޭ ޖާގަ ހޯދީ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި 2-0 ގެ ނަތީޖާއަކުން އައިޔޫއެމްއެސްޔޫ ބަލިކުރުމަށްފަހު އެވެ. އަދި އެންމެ ފަހުގެ ޗެމްޕިއަން އެމްއެންޔޫ ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލުގެ ދެވަނަ މެޗުގައި 2-0 ގެ ނަތީޖާއަކުން ޒިކުރާ ބަލިކުރުމަށްފަހު އެވެ. އަދި މިދެޓީމު ލީގުބުރުގައި ވާދަކުރި މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ވީސީއެސްއޭ އިންނެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގެ ބީޗް ހޭންޑްބޯޅަ ކޯޓުގައި ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ސެޓް ދެޕޮއިންޓްގެ ލީޑަކާއެކު 8-6 ގެ ނަތީޖާއަކުން އެމްއެންޔޫ އިން ކާމިޔާބުކުރިއިރު، ދެވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ ފަސް ޕޮއިންޓްގެ ލީޑަކާއެކު 9-4 ގެ ނަތީޖާއަކުންނެވެ.
އެގޮތުން މިމެޗުގައި އެމްއެންޔޫގެ ފާއިގާ އަހުމަދު އަލީ ހަ ޕޮއިންޓް ކާމިޔާބުކުރިއިރު، ފާތުމަތު ޒާރާ ޝަހީމް ވަނީ ހަތަރު ޕޮއިންޓް ކާމިޔާބުކޮށްފައެވެ. އަދި އެޓީމުގެ ހައްވާ އަނާ އިބްރާހިމް އަދި މަރިޔަމް ނާއިޝާ މަންސޫރު މިއިން ކޮންމެ ކުޅުންތެރިއަކު ދެ ޕޮއިންޓް ކާމިޔާބުކުރިއިރު، އެޓީމުގެ ހައްވާ މާޒިނާ، އައިޝަތު ޝިއުރާ ހަސަން އަދި ހައްވާ ސަޖާހަތު ހުސެއިން މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއް ޕޮއިންޓް ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން މިމެޗުގައި ވީސީއެސްއޭގެ އާމިނަތު އުލްޔާ ބިންތު މުހައްމަދު ހަތަރު ޕޮއިންޓް ކާމިޔާބުކުރިއިރު، އެޓީމުގެ މަރިޔަމް މާލް އަލީ، އައިޝަތު ހުޝާމާ ހުސެއިން އަދި އައިޝަތު އާލާ އަލީ މިއިން ކޮންމެ ކުޅުންތެރިއަކު މިމެޗުގައި ދެ ޕޮއިންޓް ކާމިޔާބުކުރިއިރު، ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްއެންޔޫގެ ހައްވާ އަނާ އިބްރާހިމް އެވެ.
މުބާރާތުގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންނަކީ ފާއިގާ އަޙްމަދު ޢަލީ (އެމްއެންޔޫ)، މަރިޔަމް ނާޝިފާ މަންސޫރު (އެމްއެންޔޫ)، އާމިނަތު އުލްޔާ ބިންތު މުހައްމަދު (ވީސީއެސްއޭ) އަދި ޚަދީޖާ ޖަނާ ޖަމީލް (ވީސީއެސްއޭ) އެވެ.
މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ވީސީއެސްއޭގެ ކޯޗް ފިރުޝާން މުހައްމަދު އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވީސީއެސްއޭގެ ކީޕަރު ޚަދީޖާ ޖަނާ ޖަމީލް އެވެ.







