
ޕީއެސްޖީ އާއި ވިލަރެއާލް ވާދަކުރި މެޗުގެ ތެރެއިން...
ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރަށުން ބޭރުގައި ވިލަރެއާލް އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 6-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް ޕީއެސްޖީ އިން ތާވަލުގެ ކުރީގައި ތިން ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އެންމެ ފަހުން ކުޅުނު މެޗުގައި ބާސެލޯނާ އަތުން 4-2 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، މިމެޗުގައި ކާމިޔާބުކުރި ހަ ލަނޑާއެކު އެޓީމުން ވަނީ ލީގުބުރުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުގައި ޖުމްލަ 20 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ވިލަރެއާލް އިން ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ލިވަޕޫލް އާއި ވާދަކޮށް 4-3 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ.
ވިލަރެއާލްގެ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ޕީއެސްޖީގެ ފަރާތުން ތަފާތު މޮޅު އެޓޭކިން ގޭމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ 17 މިނެޓް ތެރޭގައި އެޓީމުން ވަނީ ހަތަރު ލަނޑުގެ ލީޑެއް ނަގާފައެވެ. އަދި ދެވަނަ ހާފުގައި ވިލަރެއާލް އިން ކުޅުން ރަނގަޅުކުރި ނަމަވެސް މިހާފުގައި ޕީއެސްޖީ އިން ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި ޕީއެސްޖީގެ ތަޖުރިބާކާރު މިޑްފިލްޑަރު ފަބިއަން ރުއިޒް ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ޑިޒެއާ ޑޫއޭ، ޖޮއާއު ނެވޭސް، ސެނީ މަޔެލޫގެ އިތުރުން ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އުމުރުން 17 އަހަރުގެ ޑިފެންޑަރު ޑޭވީޑް ބޯލީ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ.
މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ޕީއެސްޖީ މިވަގުތު އޮތްއިރު، މިމެޗުން ބަލިވި ވިލަރެއާލް އިން ލީގުބުރުގައި ކުޅުނު ހަތަރު މެޗުން ހޯދި ތިން ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 29 ވަނައިގައެވެ.
















