

.jpg?w=3840&q=75)





.jpg?w=3840&q=75)
ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ކާބަފައިންގެ އަތްތެރިކަމާއި ތާރީޚީ ތަރިކަތަކަކީ ދިވެހިންގެ މުއްސަނދި ސަގާފަތާއި އިސްލާމީ ވަރުގަދަ އަގީދާ ރަމްޒުކޮށްދޭ އަގުހުރި ހެކިތަކެކެވެ. މިގޮތުން، ކ. ގާފަރުގައި ހުރި އާސާރީ ބިނާތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ތަނަކީ އެ ރަށު "ކުޑަ މިސްކިތް" (مسجد الصغير) އެވެ. އެ މިސްކިތަކީ މިއަދު ގާފަރުން ފެންނަން ހުރި އެންމެ ޒަމާންވީ މިސްކިތުގެ އިތުރުން، އެ ރަށުގައި ހުރި އެންމެ ދުވަސްވީ ބިނާ ކަމުގައި ވެސް ބެލެވިފައިވާ ތާރީޚީ ބިނާއެކެވެ.
މިސްކިތުގެ ބޭރުގައި ހުރި މައުލޫމާތު ބޯޑުގައިވާ ލިޔުންތަކުންނާއި ބައެއް ދިރާސާތަކުން އެނގޭ ގޮތުގައި މި މިސްކިތް ބިނާކޮށް ނިމިފައިވަނީ ހިޖުރީ ސަނަތުން 1296 ވަނަ އަހަރު (މީލާދީން ގާތްގަނޑަކަށް 1879 ގައި) އެވެ. ނަމަވެސް، ބައެއް ތާރީޚީ ލިޔެކިޔުންތަކުގައިވާ ގޮތުގައި، އެ މިސްކިތުގެ ތަނބެއްގައި ލިޔެވިފައިވާ ތާރީޚުން އެނގޭ ގޮތުގައި މިއީ ހިޖުރައިން 1269 (މީލާދުން 1853) ވަނަ އަހަރު ބިނާކޮށްފައިވާ ތަނެކެވެ. އެހެންކަމުން، އެ މިސްކިތަކީ 173 އަށްވުރެ ގިނަ އަހަރުވެފައިވާ ބިނާއެކެވެ.
މިސްކިތުގެ ނަމުން ދޭހަވާ ފަދައިން، މިއީ ޖާގައިގެ ގޮތުން ކުޑަ ނަމަވެސް، ފުރިހަމަ މިސްކިތެކެވެ. މިސްކިތުގެ މައި ބަޔާއި ކުޑަ ފެންޑާއެއް ހިމެނޭ ގޮތަށް ބިނާކުރެވިފައިވާ މި އިމާރާތުގެ ބޮޑުމިނަކީ 183.75 އަކަފޫޓެވެ. އަދި މިސްކިތް ވަށައިގެންވާ ހަރިންމައިގެ ބޮޑުމިނަކީ 530 އަކަފޫޓެވެ.

ކުޑަ މިސްކިތުގެ ފްލޯ ޕްލޭން
ކުޑަ މިސްކިތް ބިނާކުރުމުގައި ބޭނުންކޮށްފައިވަނީ ދިވެހިރާއްޖޭގެ ކުރީގެ މިސްކިތްތައް ބިނާކުރުމަށް އާންމުކޮށް ބޭނުންކުރި ސަގާފީ ވަސީލަތްތަކެވެ. އެގޮތުން، މި މިސްކިތުގެ ފާރުތައް ރަނާފައިވަނީ ބޮޑެތި ހިރިގައު ފުރިހަމައަށް ކޮށައި، އެއް ގައު އަނެއް ގަލާ ފަހިކޮށް ފައްތަރުކޮށްގެންނެވެ. ނަމަވެސް ޒަމާންތަކެއް ވަންދެން ފާރު ހުދުކޮށް، ސާފުކޮށް ބެހެއްޓުމުގެ މަގުސަދުގައި ތަކުރާރުކޮށް އުވަ އުނގުޅުމުގެ ސަބަބުން، ކުރީގެ އެ ހިރިގަލުގެ މަސައްކަތްތައް މިހާރު ބޭރަކަށް ފެންނާކަށް ނެތެވެ. މީގެއިތުރުން، މިސްކިތުގެ މަތިވަޑާން ގަނޑު ޖަހާފައިވަނީ އާދައިގެ ލަކުޑިއާއި ވަކަރު ބޭނުންކޮށްގެންނެވެ.
ޒަމާނަށް އައި ބަދަލުތަކާއެކު، މިސްކިތް ދެމެހެއްޓުމަށްޓަކައި އެކި ފަހަރު މަތިން ވަނީ މަރާމާތުތައް ކޮށްފައެވެ. އެގޮތުން، ހަތަރު ފުރާޅަށް ވާގޮތަށް ކުރިން ހިޔާކޮށްފައި ހުރި ފުރާޅު މަރާމާތުކޮށް، މިހާރު ވަނީ ޒަމާނީ ޓިނު ޖަހައި ބަދަލުކޮށްފައެވެ. ހަމައެއާއެކު، އެތަން ދެމެހެއްޓުމަށް އަދި މިސްކިތުގެ ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި ތަޅުމުގައާއި ފާރުގެ ތިރީބައިގައި ފަހުން ވަނީ ތަށިމުށި ޖަހާފައެވެ.
ގާފަރުގެ ކުޑަ މިސްކިތަކީ ޒަމާންތަކެއް ވަންދެން އެ ރަށުގެ ރައްޔިތުން ނަމާދުކޮށް، އަޅުކަން ކުރުމުގައި ދެމިތިބި މުގައްދަސް ތަނެކެވެ. އެންމެ ފަހުން ބޭނުންކުރެވުނީ އަންހެނުންގެ ނަމާދުގެއެއްގެ ގޮތުގައެވެ. މިއަދު އެ މިސްކިތަށް ޒަމާނީ ބައެއް ބަދަލުތައް އައިސްފައިވީ ނަމަވެސް، އެއީ ގާފަރުގެ މާޒީއާއި އެ ރަށުގެ ކާބަފައިންގެ ދީނީ ލޯތްބާއި މަސައްކަތްތެރިކަން ދައްކުވައިދޭ، ރައްކާތެރިކޮށް ބަލަހައްޓަންޖެހޭ ވަރަށް އަގުހުރި އާސާރީ ތަރިކައެކެވެ. މިހާރު އެތަނަކީ ހިމާތް ކުރެވިފައިވާ ތަނެކެވެ.


.jpg?w=3840&q=75)

