

.jpg?w=3840&q=75)






ކޮމަންވެލްތުގެ ވަކާލާތުކުރުމުގެ ނިޒާމުތައް ނަތީޖާ ނެރެވޭ ގޮތަށް ބައްޓަން ކުރަންޖެހޭ ކަމުގައި ފޮރިން މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ކޮމަންވެލްތު ކުދި ޤައުމުތަކުގެ ވަޒީރުންގެ ބައްދަލުވުން ފެށުމުގައާއި ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުިންނެވެ.
ޚާރިޖީ ވަޒީރު ވަނީ މި ބައްދަލުވުން އެންޓިގާ އެންޑް ބާބިއުޑާއިން ބޭއްވުމަކީ ކުދި ޤައުމުތަކަށް އެންމެ މަތީ ފެންވަރުގައި ބައްދަލުވުންތައް ބޭއްވުމާއި، އިސްނެގުމާއި، އަދި ނަތީޖާ ނެރެދެވިދާނެކަން ދައްކުވައިދޭ ކަމެއް ކަމަށެވެ. އަދި ކުދި ޤައުމުތަކަށް ހުރި ގޮންޖެހުންތަކަށް އަލިއަޅުވާލައްވާ ވިދާޅުވީ ދުނިޔޭގެ މަސްރަހަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ސަބަބުން، ކުދި ޤައުމުތަކުގެ އިޤްތިޞާދު ނުރައްކަލަށް ހުށަހެޅެމުންދާ ކަމަށެވެ.
މިކަމުގެ ސަބަބުން މާލީ އެހީތެރިކަމާއި އިންވެސްޓްމެންޓް ފުރުސަތު ހަނިވާކަން ފާހަގަކުރެއްވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މަދު ވަސީލަތްތަކަށް ބާރުބޮޑުވާކަމީވެސް ކުދި ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުމެއް ކަމަށް ވެސް ވިދާޅުވިއެވެ. ޚާރިޖީ ވަޒީރު ވިދާޅުވީ މި ގޮންޖެހުންތަކުގެ ސަބަބުން ޤައުމުގެ ތަރައްޤީ ދަމަހައްޓައި ވިލުންތެރިކަން ބިނާކުރުމަށް ހުރަސްތައް ކުރިމަތިވާކަމަށެވެ.
ކުދި ޤައުމުތަކަށް ކުރިމަތިވާ މި ގޮންޖެހުންތައް ރާއްޖެއަށްވެސް ކުރިމަތިވަމުން އަންނައިރު، 2040 ވަނަ އަހަރާއި ހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ރާއްޖެ ވުމަށް އޮތް އަމަޒު ވަޒީރު ފާހަގަކުރެއްވިއެވެ. ޚާރިޖީ ވަޒީރު ވިދާޅުވި މި އަމާޒު ހާސިލްކުރަން ބައިނަލްއަޤްވާމީ މައިދާނުގައި ފަހި މާހައުލެއް ބޭނުންވާ ކަމަށެވެ. ކުރިމަތިވާ ހުރިހާ ހިރާސްތައް ރާއްޖެއަށް ނައްތާނުލެވުނު ނަމަވެސް އެކަމުން އަރައިގަތުމުގެ ޤާބިލްކަން އިތުރުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
މިކަމަށް ބޭނުންވަނީ ނަތީޖާ ނެރެވޭފަދަ ވަކަލާތުކުރުންތަކާއި ތަންފީޒުކުރެވޭނެ އިންވެސްޓްމެންޓްތައްކަމަށް ވަޒީރު ވިދާޅުވިއެވެ. ކޮމަންވެލްތުގެ ވަކަލާތުކުރުމުގެ ނިޒާމު ހަރުދަނާ ކުރަންޖެހޭކަން ފާހަގަކޮށް ވަޒީރު އިރުތިޝާމް ވިދާޅުވީ ވަކާލާތު ކުރުމުގެ ނިޒާމުތަކަށް ހޭލުންތެރިކަން އިތުރުކުރުމަށްވުރެ ކުދި ޤައުމުތަކުގެ މަސްލަހަތު ހިމާޔަތްކޮށްދޭންޖެހޭ ކަމަށެވެ. ވަޒީރު ވަނީ މިހާރުވެސް ހުރި ނިޒާމުތައް ހަރުދަނާކޮށް، ކުރެވެމުންދާ މަސައްކަތްތަކަށް އެހީތެރިވެ، ކޮމަންވެލްތަށް އެންމެ ބޮޑު ފައިދާއެއް ނެރެދެވޭނެ ދާއިރާތަކަށް އަމާޒުކުރަން ގޮވާލައްވާފައެވެ.
މިވިސްނުން އިންވެސްޓްމެންޓް ހޯދުމަށްވެސް ބަހައްޓަންޖެހޭ ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. ޚާރިޖީ ވަޒީރު ވިދާޅުވީ ކުދި ޤައުމުތަކަށް ދެމެހެއްޓެނިވި މާލީ އެހީތެރިކަން ކަށަވަރުކުރުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއި، ތަރައްޤީގެ ބައިވެރިންނާއި، އަދި އަމިއްލަ ސެކްޓަރާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރަން ޖެހޭކަމަށެވެ. އެ އިންވެސްޓްމަންޓްތަކަކީ، މޫސުމީ ވިލުންވެރިކަމާއި، ހަކަތައަށް ބަދަލުގެނައުމުން ފެށިގެން، ވިޔަފާރިއާއި، ދަރަނި ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމާއި، އަދި ޑިޖިޓަލް ބަދަލުތަކަށް އިސްކަންދޭ ކަންކަމަށް އަމާޒުކުރެވޭ އިންވެސްޓްމަންޓްތަކަކަށް ވާންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.


.jpg?w=3840&q=75)





