



.jpg?w=3840&q=75)




ގާފަރު ޕޮލިސް ސްޓޭޝަންގެ އާ އިމާރާތާއެކު އެ ރަށުގައި ހިދުމަތްދޭ ފުލުހުންގެ އަދަދު އިތުރުކުރަނީ
ކ.ގާފަރުގައި އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ނިމުމުން، އެ ސްޓޭޝަންގެ ފެންވަރާއި އެއްވަރަށް އެ ރަށުގައި މަސައްކަތްކުރާ ފުލުހުންގެ އަދަދު އިތުރުކުރާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.
މި ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ފުލުހުންގެ ސީނިއަރ އޮފިސަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
ގާފަރު ޕޮލިހަށް މިއަދު ކުރެއްވި ޒިޔާރަތުގައި ވާހަކަދައްކަވަމުން ކޮމިޝަނާ ވިދާޅުވީ މިވަގުތު ގާފަރުގައި ޚިދުމަތުގައި ތިބީ ތިން ފުލުހުން ކަމުގައި ވިޔަސް، ވަރަށް އަވަހަށް ހިދުމަތަށް މުވައްޒަފުން ގުޅިގެންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް މަހެއް ނުވަތަ ދެމަހެއްގެ ތެރޭގައި ގާފަރަށް އިތުރު ފުލުހުން ހަމަޖައްސައި، މިހާރު ކުރެވެމުންދާ މަސައްކަތްތަކަށް އިތުރު ހަލުވިކަމެއް ގެނެސްދެއްވާނެ ކަމުގެ ޔަގީންކަންވެސް ކޮމިޝަނާ ދެއްވި އެވެ.
ރަށްރަށުގައި މަސައްކަތްކުރާ ފުލުހުންނަށް ދިމާވާ ކަންކަން ފުލުހުންގެ ލީޑަރޝިޕުން ވަރަށް ގާތުން މޮނިޓަރކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައި ކޮމިޝަނާ ވިދާޅުވީ ސްޓޭޝަނެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދަކީ ލީޑާޝިޕުން ޒިޔާރަތްކުރުމުގައި ބަލާ މިންގަނޑެއް ނޫން ކަމަށެވެ.
"މިއަދު މިތަނަށް، ގާފަރަށް އަޅުގަނޑުމެންގެ ޓީމުގެ މެންބަރުން ގިނަވާނެ މިތާ ތިބި ކުދިންނަށްވުރެ. އެހެންވީމަ ލީޑަރޝިޕަށް މުހިންމު ކަމެއް ނޫން ދެކުދިން ތިއްބަސް ތިން ކުދިން ތިއްބަސް، އައިސް ބައްދަލުކޮށް ޒިޔާރަތްކުރުން އެއީ މުހިންމު ވި ތަންކޮޅަކީ،" ކޮމިޝަނާ ވިދާޅުވި އެވެ.
މާލޭގައި ތިއްބެވި ނަމަވެސް، އަތޮޅުތެރޭގައި ހިނގާ ކަންކަމުގެ މައުލޫމާތު ކޮންމެ ދުވަހަކުވެސް ގާތުން ބައްލަވައި، ސީދާ ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރު ކަންކަމުގެ ތެރެއަށް ވެދެވަޑައިގެން އޮޅުންފިލުއްވަމުން ގެންދަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން، ގާފަރު ކައިރީގައި ދާދިފަހުން ހިނގައިދިޔަ ކަނޑުމަތީގެ ނުރައްކާތެރި ހާދިސާގައި، ބަޔަކު ކަނޑުވެގެން އުޅުނު ވަގުތު މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ފުލުހުންނާއި ޢާންމުން ކުރި މަސައްކަތް ކޮމިޝަނަރ ވަނީ ފާހަގަކުރައްވާފައެވެ. ވިއްސާރަ ދުވަހެއްގައި ބޮޑު ރިސްކެއް ނަގައިގެން ހިންގި މި އޮޕަރޭޝަނުގައި ހަރަކާތްތެރިވި ފަރާތްތަކުގެ ޚިދުމަތް މުއައްސަސާގެ ފެންވަރުގައި އަގުވަޒަންކުރައްވާނެ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. ހަމައެއާއެކު، މީހުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގެ މަސައްކަތުގައި އަމިއްލަ ފުރާނައިގެ ރައްކާތެރިކަމަށް އިސްކަންދިނުމަށް އިލްތިމާސްކުރައްވައި، ކަނޑުމަތީގެ އޮޕަރޭޝަންތަކަށް ބޭނުންވާ ވަސީލަތްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރެއްވި އެވެ.

Whats_App_Image_2026_09_20_at_15_10_31_e6d84e88f5.jpeg
ގާފަރުގައި މިހާރު އަޅަމުންދާ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ކުރިއަށްދާ ގޮތަށް އަލިއަޅުއްވާލައްވަމުން ކޮމިޝަނަރ ވިދާޅުވީ، މަސައްކަތް ރަނގަލު ސްޕީޑެއްގައި ކުރިއަށްދާކަމަށެވެ. އަދި ރަށްރަށުގައި ގާއިމުކުރާ 154 ޕޮލިސް ސްޓޭޝަން އެޅުމުގެ މަޝްރޫއުގެ ތެރެއިން މަސައްކަތް މަޑުޖެހިފައިވާ ތަންތަން ދައުލަތުގެ ކުންފުނިތަކާ ހަވާލުކުރަމުންދާ ކަމަށާއި، 2027 ވަނަ އަހަރުގެ ނިޔަލަށް ހުރިހާ ސްޓޭޝަންތަކެއް ނިންމައި ހުޅުވުމަކީ އަމާޒެއް ކަމަށް ވިދާޅުވިއެވެ. މީގެ ބޭނުމަކީ ރަށްރަށުގެ ކައުންސިލް އިދާރާތަކާއި އަމިއްލަ ގޭގޭގައި ޕޮލިސް ސްޓޭޝަންތައް ހިންގުން ނިމުމަކަށް ގެނައުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ފުލުހުންގެ އަޚްލާޤާއި ސުލޫކުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ރަށުތެރޭގައި ތިބޭ މުވައްޒަފުންގެ އަދަދު ކިތަންމެ މަދުވި ނަމަވެސް، ކޮންމެ ފުލުހަކީވެސް މުޅި މުއައްސަސާ ތަމްސީލުކުރާ މީހެއްކަން ހަނދާންކޮށްދެއްވިއެވެ. އަދި ރައްޔިތުން ފުލުހުންގެ ޚިދުމަތް ބަލައިގަންނާނީ ރިވެތި އަހުލާގާއި، ހިތްހެޔޮކަމާއި މަޑުމައިތިރިކަމާއެކު ރައްޔިތުންނާ މުއާމަލާތްކޮށްގެން ކަމަށްވާތީ، ޔުނިފޯމާއި ޑިސިޕްލިންގެ މިންގަނޑުތަކަށް ފުރިހަމައަށް ބޯލެނބުމަށް ކޮމިޝަނަރ އަޙްމަދު މުޙައްމަދު އިލްތިމާސްކުރެއްވި އެވެ.




.jpg?w=3840&q=75)



