








ދައުލަތަށް ގިނަ ޚިދުމަތްތަކެއް ކުރެއްވި ރިޟުވާން ޝަރީފް އަވަހާރަވެއްޖެއެވެ.
ދިރާގުގެ ކުރީގެ ޗެއަރމަން އަދި ވިލާ އެއަރގެ މެނޭޖިންގ ޑިރެކްޓަރުކަމާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ޑިރެކްޓަރުކަން ވެސް ކުރެއްވި ރިޟުވާން އަވަހާރަވީ އައިޖީއެމްއެޗުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދުގެ ވަގުތެއްގައެވެ.
އޭނާ އަވަހާރަވީ ސީދާ ސަބަބު ނޭނގުނުނަމަވެސް މީގެކުރިން އޭނާއަށް މީގެ ދުވަސްކޮޅެއް ކުރިން ސްޓްރޯކެއް ޖެހުނު ކަމަށް މީޑިއާގައި ވަނީ ރިޕޯޓުކޮށްފައެވެ.
ރިޟުވާން ވަނީ ފިނޭންސް މިނިސްޓްރީގައި ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމާއި ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައެވެ. ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގެ ފަހު ދުވަސްވަރު ރާއްޖެއަށް ގެނައި މާލީ އިޞްލާޙީ ބަދަލުތަކުގައި އެ ބޭފުޅާގެ ޙިއްޞާ ބޮޑު ކަމަށް އެނގިފައިވެއެވެ.
ދައުލަތުގެ ފަރާތުން ދިރާގުގެ ބޯޑަށް އައްޔަންކުރައްވާ، ޗެއަރމަންގެ މަޤާމު ފުރުއްވުމަށް ފަހު2015 ވަނަ އަހަރުގެ ފެބްރުއަރީގައި އެ މަޤާމުން ވަނީ ވަކިކުރައްވާފައެވެ.
ރިޟުވާނަކީ އޮސްޓްރޭލިއާގެ މެލްބަންގައި ހުންނަ އާރްއެމްއައިޓީ ޔުނިވަރސިޓީން އިންޓަރނޭޝަނަލް މެނޭޖްމަންޓްގެ ދާއިރާއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ޙާޞިލުކުރައްވައިފައިވާ ބޭފުޅެކެވެ.







.png?w=3840&q=75)