

.jpg?w=3840&q=75)






ގަވާއިދުން ކުލި ނުދައްކާ ގިނަ ދުވަސްތަކެއް ވެފައިވާތީ، ހުޅުމާލޭގައި ރިވެލި ބީޗް ހިންގަމުންދާ ބިން އަނބުރާ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބެލުމުގެ ދަށަށް ގެންދިއުމަށް އެ ކޯޕަރޭޝަނުން ނިންމައިފިއެވެ.
އެޗްޑީސީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ހުޅުމާލޭގެ ލޮޓް ނަންބަރު 10877 ގައި ސޮލާރިސް ހޮސްޕިޓަލިޓީ ޕްރައިވެޓް ލިމިޓެޑުން ހިންގަމުންދިޔަ ވިޔަފާރީގެ އެއްބަސްވުން ބާތިލުކޮށް، އެ ބިން އެ ކޯޕަރޭޝަންގެ ބެލުމުގެ ދަށަށް ނެގުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި ނިންމުމާ ގުޅިގެން، އެ ތަނުގައި ސޮލާރިސް ހޮސްޕިޓަލިޓީން އެއްވެސް ބާވަތެއްގެ ވިޔަފާރި މުއާމަލާތެއް އަދި އެއްވެސް ޚިދުމަތެއް ވެސް ދެން ނުދެވޭނެ ކަމަށް ވަނީ އަންގާފައެވެ.
އެ ކޯޕަރޭޝަނުން ހާމަކުރި ގޮތުގައި، މި ފިޔަވަޅު އަޅަން ނިންމީ ކުލި ނުދައްކާ ދިގު މުއްދަތެއް ފާއިތުވެފައިވާތީ، އެއްބަސްވުމުގެ ދަށުން ދޭންޖެހޭ އެންމެހައި ނޯޓިސްތަކާއި، ފައިސާ ދެއްކުމަށް އެކަށީގެންވާ ގިނަ ފުރުސަތުތަކެއް ދިނުމަށް ފަހުގައެވެ. އަދި އެއްބަސްވުން ބާތިލުކޮށްފައިވަނީ ކަނޑައެޅިފައިވާ އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.
މީގެއިތުރުން އެޗްޑީސީން ބުނީ، އެ ކޯޕަރޭޝަނުން މިފަދަ ނިންމުމެއް ނިންމަނީ އާންމުންނަށް ޚިދުމަތްދޭން ހުޅުމާލޭގައި ގާއިމުކޮށްފައިވާ ވިޔަފާރިތަކަށް ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ފުރުސަތު ދިނުމަށް ފަހުގައި ކަމަށެވެ. އަދި އެ ކޯޕަރޭޝަންގެ އަބަދުވެސް އަމާޒަކީ ހުޅުމާލޭގައި ވިޔަފާރިކުރާ ފަރާތްތަކަށް ވީހާ ވެސް ފަހި ފުރުސަތުތަކެއް ހޯދައިދިނުން ކަމުގައި ވަނީ ފާހަގަކޮށްފައެވެ.


.jpg?w=3840&q=75)





