







ނަފުސާނީ ދުޅަހެޔޮކަމަކީ ހަމައެކަނި ކަރުދާހުގައި ލިޔެފައިވާ ސިޔާސަތުތަކަކަށް ވެގެން ނުވާނެ ކަމުގައި ސިއްހަތާއި އާއިލީ އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ދުނިޔޭގެ ނަފުސާނީ ސިއްހަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކ. ކާށިދޫގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "ކޮމިއުނިޓީ ކަލަރ ރަން" ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ވަޒީރު ވަނީ ކޮންމެ ފަރުދެއްގެ ކިބައިގައިވެސް ނަފުސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން ހިއްސާކުރަން ހުރި ތަޖުރިބާތައް ހާމަކުރުމަކީ މުހިންމު ކަމެއް ކަމަށާއި ނަފުސާނީ ބަލިތަކާމެދު މުޖުތަމައުގައި އަށަގެންފައިވާ ނުރަނގަޅު ވިސްނުންތައް ނައްތާލުމަށް ގޮވާލައްވާފައެވެ. އަދި ނަފުސާނީ ބަލި ތަހައްމަލުކުރާ މީހުންނަށް ލޯތްބާއި އޯގާތެރިކަން ލިބޭ، ރައްކާތެރި މާހައުލެއް ގާއިމުކޮށްދޭންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެ އަޑުތައް އަހައި، އެހާލަތްތަކަށް އިޖާބަދޭންވީ ވަގުތަކީ މިއީ. މިއީ ނަފްސާނީ ބަލިތަކާމެދު މުޖުތަމަޢުގައި އަށަގެންފައިވާ ނުރަނގަޅު ތަޞައްވަރުތަކާއި ލޭބަލްތައް މުޅިން ފޮހެލަންޖެހޭ" ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން އެކަކު އަނެއްކަކަށް ލޯތްބާއި އޯގާތެރިކަމާއި އަޅާލުން އިސްކުރާ ރައްކާތެރި މާހައުލެއް ބިނާކުރުމަކީ މިއަދު އެންމެންގެ ކޮނޑުގައި އެޅިފައިވާ މުހިންމު ފަރުދީ އަދި ގައުމީ ޒިންމާއެއް ކަމަށްވެސް ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހަކީ ބައިނަލްއަގުވާމީ ގޮތުން ނަފުސާނީ ސިއްހަތުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެކެވެ.





.jpg?w=3840&q=75)

