








ރޮނާލްޑޯ ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ...
ސައުދީ ޕްރޮފެޝަނަލް ލީގުގައި މިރޭ އަމިއްލަ ދަނޑުގައި އަލް ޚްލޫދު އާއި ދެކޮޅަށް ކުޅުނު މެޗުގެ ދެވަނަ ހާފުގައި ކެޕްޓަން ކްރިސްޓިއާނޯ ކާމިޔާބުކުރި ހެޓްރިކާއެކު 5-3 ގެ ނަތީޖާއަކުން މޮޅުވެ އަލް ނަސްރުން ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
މެޗުގެ ފުރަތަމަ ހާފުގަައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގަައި އަލް ނަސްރުގެ ކެޕްޓަން ރޮނާލްޑޯ ކާމިޔާބުކުރި ދެލަނޑެއް ވީއޭއާރުން ބެލުމަށްފަހު މެޗުގެ ރެފްރީ ވަނީ އޮފްސައިޑް ކަމަށް ނިންމާފައެވެ. އަދި ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި އަލް ނަސްރުން އިތުރު ތިން ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި އަލް ޚްލޫދު އިން ވެސް އިތުރު އެއްލަނޑު ކާމިޔާބުކުރިއެވެ. އަދި މިހާފުގައި އަލް ނަސްރުގެ ތިން ލަނޑު ވެސް ކާމިޔާބުކޮށްދިނީ ކެޕްޓަން ރޮނާލްޑޯ އެވެ.
މީގެ އިތުރުން މިމެޗުގައި އަލް ނަސްރުގެ އަންޖެލޯ އަދި މާނޭ މިއިން ކޮންމެ ކުޅުންތެރިއަކު އެއްލަނޑު ކާމިޔާބުކުރިއިރު، އަލް ނަސްރުގެ ފަސް ލަނޑުގެ ތެރެއިން ހަތަރު ލަނޑު ޖެހުމަށް ތަނަވަސްކޮށްދިނީ އެޓީމުގެ ޕޯޗުގަލް ފޯވާޑް ޖޮއާއު ފެލިކްސް އެވެ.
މީގެ އިތުރުން މިމެޗުގައި އަލް ޚްލޫދުގެ ޖޫލިއަން ޑޮމިންގުއޭސް ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ފޯވާޑް ލޮއިކް އެސޮމްބާ އެވެ. އަދި މިމެޗުގައި ކާމިޔާބުކުރި ހެޓްރިކާއެކު ރޮނާލްޑޯ ވަނީ ކުލަބަށާއި ގައުމީ ޓީމަށް 985 ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް ރޮނާލްޑޯ މިހާރު ބޭނުންވަނީ އެންމެ 15 ލަނޑެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 11 މެޗުން އަލް ނަސްރަށް 28 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި އަލް ޚްލޫދު އިން ލީގުގައި ކުޅުނު 11 މެޗުން ހޯދި 12 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 10 ވަނައިގައެވެ.








