








ރެއާލް މެޑްރިޑާއި ބާސެލޯނާ ވާދަކުރި މެޗުގެ ތެރެއިން..
ސްޕެނިޝް ލަލީގާގައި މިރޭ ރަށުން ބޭރުގައި ބާސެލޯނާ އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ރެއާލް މެޑްރިޑުން ދެޓީމުގެ ދެމެދުގައިވާ ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ.
މިމެޗަށް ނިކުތްއިރު، ލީގުގައި ކުޅުނު ނުވަ މެޗުން ވެސް ބާސެލޯނާ މޮޅުވެފައިވާއިރު، ލަލީގާގެ ތާރީޚުގައި ވެސް މިހާތަނަށް އެއްވެސް ޓީމަކަށް ފުރަތަމަ 10 މެޗުން ކާމިޔާބުކުރެވިފައެއް ނުވެއެވެ. އަދި މިދެޓީމުގެ މެދުގައި މިހާތަނަށް ކުޅެވުނު މެޗުތަކުގެ ތެރެއިން ކޮންމެ ޓީމަކުން ވެސް ވަނީ 106 މެޗުން މޮޅުވެފައެވެ.
ބާސެލޯނާގެ ކޭމްޕް ނޯގައި ކުޅުނު މިމެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ބާސެލޯނާ އިން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިމެޗުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
އެގޮތުން ލިބުނު ފުރުސަތެއްގައި މެޗުގެ 41 ވަނަ މިނެޓުގައި ރެއާލް މެޑްރިޑުން ލަަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދިއިރު، މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކިލިއަން އެމްބާޕޭ އެވެ.
ބާސެލޯނާ އިން ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 61 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް ރަފީނިއާ އެވެ. މިއީ، ލީގުގައި ކުޅުނު ނުވަ މެޗުގައި ރަފީނިއާ ކާމިޔާބުކުރި 13 ވަނަ ލަނޑެވެ.
ރެއާލް މެޑްރިޑުން ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދި ލަނޑު ދެވަނަ ހާފުގެ 87 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ކިލިއަން އެމްބާޕޭ އެވެ. މިއީ ލީގުގައި އެންމެ ފަހުން ކުޅުނު ނުވަ މެޗުގައި އެމްބާޕޭ ކާމިޔާބުކުރި 11 ވަނަ ލަނޑެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 10 މެޗުން ހޯދި 24 ޕޮއިންޓާއެކު ރެއާލް މެޑްރިޑް ތާވަލުގެ ތިންވަނައިގައި އޮތްއިރު، މިމެޗުން ބަލިވި ބާސެލޯނާ އިން ލީގުގައި ކުޅުނު 10 މެޗުން ހޯދި 27 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ އެއްވަނައިގައެވެ.




