






"ކޮޓާ ކިނަބާލޫ އިންޓަނޭޝަނަލް މޭޔާސް ޑައިލޮގް 2026" ގައި ބައިވެރިވާން ފުރި މާލެ ސިޓީ ކައުންސިލްގެ 3 މެންބަރުން- ފޮޓޯ: މާލެ ސިޓީ ކައުންސިލް
"ކޮޓާ ކިނަބާލޫ އިންޓަނޭޝަނަލް މޭޔާސް ޑައިލޮގް 2026" ގައި ބައިވެރިވާން މާލެ ސިޓީ ކައުންސިލްގެ 3 މެންބަރުން މެލޭޝިޔާއަށް ފުރައިފި އެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މި ބައްދަލުވުމުގައި ބައިވެރިވާން ފުރީ ފާތިމަތު ޒަހިއްޔާ (ޒާޔާ) އާއި ހައްވާ ޝިފާނާ އަދި އާއިޝަތު ހަނާ ކަމަށެވެ.
މިއީ މާދަމާއިން ފެށިގެން މި މަހުގެ 14 ވަނަ ދުވަހާއި ހަމައަށް މެލޭޝިޔާގެ ސަބާހުގެ ކޮޓާ ކިނަބާލޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގެ ޝިއާރަކީ "ފިއުޗާ ކޯސްޓަލް ސިޓީސް: އެޑްވާންސިންގ ބްލޫ އިކޮނޮމީ، ޑިޖިޓަލް ގަވަރނަންސް އެންޑް އާބަން ރެސިލިއަންސް" އެވެ.
މި ޝިއާރުގެ ދަށުން ކުރިއަށްދާ މި ބައްދަލުވުމަކީ، ދެމެހެއްޓެނިވި ގޮތެއްގައި ސިޓީތައް ތަރައްގީކުރުމާއި، އައްސޭރިފަށުގެ ސަރަހައްދުތަކުގެ ވިލުންވެރިކަން އިތުރުކުރުމާއި، އަދި ސިޓީތައް ހިންގުމުގައި އީޖާދީ ގޮތްތައް ބޭނުންކުރުމާ ގުޅޭގޮތުން މައުލޫމާތާއި ތަޖުރިބާ ހިއްސާކުރުމަށްޓަކައި ސިޓީތަކުގެ ލީޑަރުން އެއްތަންކޮށްދޭ ބައްދަލުވުމެކެވެ.
މާލެ ސިޓީ ކައުންސިލްގެ މޭޔަރާއި ކައުންސިލުން ވަނީ މީގެކުރިންވެސް އިންޓަނޭޝަނަލް ބައްދަލުވުންތަކުގައި ބައިވެރިވާން ފުރާފަ އެވެ. އެގޮތުން އިންޓަރނޭޝަނަލް މޭޔަރ ފޯރަމް 2026" ގައި ބައިވެރިވެވަޑައިގަތުމަށް މޭޔަރ ޢާޒީމާއި ކައުންސިލަރު ސަމާޙް އިކުއެޑޯއަށްވެސް ފުރާވަޑައިގެންފައިވެ އެވެ.






