



ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އީގަލް ހިލްސް ކުންފުނީގެ މަޝްރޫއަށް އެންމެ ބޮޑަށް ތާއީދުކުރައްވާ އެއް ބޭފުޅަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
ފަލާހު މިހެން ވިދާޅުވީ ދޮޅު މަސް ދުވަހުގެ ޗުއްޓީއަކަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިއަދު ފެށިގެން ދިޔައިރު، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހްމަދު ނަސީމް ވަނީ ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަދައްކަވަމުންނެވެ.
މި ބަހުސްގައި ފަލާހު ވަނީ ރައްޔިތުންގެ މަޖިލީހަށް އެ މައްސަލަ ހުށަހެޅުމުގެ އަޑީގައި އޮތީ ރައީސް ނަޝީދަށް އަމާޒުކޮށް ފާޑުކިޔުން ކަމަށެވެ.
ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު ފަލާހު ވިދާޅުވީ، ކުއްލި މައްސަލަ ބަލައިގަތުމާއި ބޭރުކޮށްލުމުގެ ފުރިހަމަ ބާރު ސުޕަރ މެޖޯރިޓީ އޮތް ވެރިކަންކުރާ ޕީއެންސީއަށް އޮތް ނަމަވެސް، އެ މައްސަލަ މަޖިލީހަށް ބަލައިގަތީ އެކަމާ ގުޅޭގޮތުން މައުލޫމާތު ސާފުކޮށް ބަހުސް ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. އަދި އެމްޑީޕީން ކުރިން ހީކުރީ މި މައްސަލަ ޕީއެންސީން ބޭރުކޮށްލާނެ ކަމުގައި ކަމަށާއި ނަމަވެސް، މައްސަލަ ބަލައިގަތުމުން އެ ޕާޓީގެ މެންބަރުން ތިއްބެވީ މައުލޫމާތު ސާފުކޮށް ވާހަކަދައްކަން ތައްޔާރުވެގެން ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ފަލާހު އިތުރަށް ވިދާޅުވީ މައްސަލަ ހުށަހެޅުއްވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމްގެ އިތުރުން އެމްޑީޕީގެ ގިނަ މެންބަރުން ބަހުސް ކުރިއަށްދިޔަ ވަގުތު މަޖިލީހުގެ މާލަން ދޫކުރައްވައި ވަޑައިގެންފައިވާ ކަމަށެވެ. މީގެ އިތުރުން އެމްޑީޕީގެ ފަރާތުން ހުށަހެޅި މި ކުއްލި މައްސަލައިން އެ ބޭފުޅުންނަށް ރަސްމާލޭގެ ފަސްގަނޑު މިހާރު ފެންނަނީ ބޮޑު "ރަންގަނޑެއްގެ" ސިފައިގައި ކަމަށް ވެސް ފަލާހު ވިދާޅުވިއެވެ.
މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅުއްވަމުން މެންބަރު މީކާއިލް ވިދާޅުވީ، ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި 21 ސެޕްޓެމްބަރު 2024 ގައި ވެފައިވާ އެއްބަސްވުމުގެ ސަބަބުން ދައުލަތުގެ މާލިއްޔަތަށް ބޮޑެތި ގެއްލުންތަކެއް ލިބި، ކޮރަޕްޝަނަށް މަގުފަހިވާ ކަމަށެވެ. އަދި ރައްޔިތުންގެ ފައިސާއިން ބިން ހިއްކުމަށް ފަހު، އެ ޚަރަދު ވެސް އަނބުރާ ނުލިބޭ ގޮތަށް އެތަނުން 500 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއް 99 އަހަރަށް، އެއްވެސް އެކުއިޒިޝަން ކޮސްޓެއް ނުވަތަ ބިމު ކުއްޔެއް ނުނަގައި އީގަލް ހިލްސްއަށް ދޫކޮށްލާފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
މީގެ އިތުރުން ރަސްމާލެއިން އެޕާޓްމަންޓެއް ގަންނަ ބިދޭސީއަކު 99 އަހަރުގެ ލީސް މުއްދަތުގައި އެތަން އެހެން ފަރާތަކަށް ވިއްކާލައިފި ނަމަ ނުވަތަ ހިބައިން ދީފި ނަމަ، އަލުން 99 އަހަރުގެ އާ ލީސް މުއްދަތެއް ފެށޭ ގޮތަށް އެއްބަސްވުމުގައި އޮތް ކަމުގެ ކަންބޮޑުވުން ވެސް އިދިކޮޅުން ވަނީ ފާޅުކޮށްފައެވެ.
ރާއްޖޭގެ ބިން ބޭރު މީހުންނަށް 99 އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ދިނުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ހުއްދަ ކުރި ނަމަވެސް، އެކަމާ ގުޅޭ ޚާއްސަ ގާނޫނެއް އަދި ހެދިފައެއް ނުވެއެވެ. މިހާރު އަމަލުކުރަމުންދާ ޓޫރިޒަމާ ބެހޭ ގާނޫނުން ބިން ކުއްޔަށް ދޫކުރަން ހުއްދަ ކުރަނީ އެންމެ ގިނަވެގެން 50 އަހަރަށެވެ. އަދި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން ބިދޭސީންނަށް ބިން ދޫކުރެވެނީ އެންމެ ގިނަވެގެން 66 އަހަރުގެ މުއްދަތަކަށެވެ.
ކޮނސްޓްރަކްޝަން މިނިސްޓަރ ޑރ. ޢަބްދުﷲ މުއްތަލިބު މީގެ ކުރިން ވިދާޅުވެފައި ވަނީ، މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ބޭރުގެ ފަރާތަކުން ކުރާ އެންމެ ބޮޑު އިންވެސްޓްމަންޓް ކަމަށެވެ. އަދި ރަސްމާލޭގައި އަޅާ އިމާރާތްތައް ވިއްކައިގެން ކުރިއަށް އޮތް 10 އަހަރު ދުވަހުގެ ތެރޭގައި ދައުލަތަށް ތިން ބިލިއަން ޑޮލަރު (ގާތްގަނޑަކަށް 46 ބިލިއަން ދިވެހި ރުފިޔާ) ގެ އާމްދަނީއެއް ލިބިގެންދާނެ ކަމަށެވެ.





