








އާސެނަލްގެ ކުޅުންތެރިން ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ...
އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި 2-0 ގެ ނަތީޖާއަކުން އެވަޓަން ބަލިކޮށް އާސެނަލް އިން ތާވަލުގެ ކުރީގައި އޮތް މެންޗެސްޓާ ސިޓ އާއި ޕޮއިންޓްގެ ގޮތުން އަރައި ހަމަކޮށްފިއެވެ.
ލީގުގައި އާސެނަލް އެންމެ ފަހުން ކުޅުނު މެޗުގައި ފޮރެސްޓް އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ލީގުގައި އެވަޓަން އެންމެ ފަހުން ކުޅުނު މެޗުގައި ޗެލްސީ އަތުން އެޓީމު ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ވަރަށް ކުރީކޮޅު އާސެނަލް އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު ފުރަތަމަ ހާފުގެ ހަތްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު އެޒްރީ ކޮންސާއެވެ.
މީގެ އިތުރުން ވެސް މިހާފުގައި އާސެނަލްގެ ނޯނީ މަޑުއެކޭ، މިކޭލް މެރީނޯ އަދި ޑެކްލަން ރައިސްއަށް ވެސް ވަނީ އެޓީމުގެ ލީޑު ފުޅާކުރުމަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުންކުރެވޭގޮތް ނުވެފައެވެ. އަދި މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އާސެނަލް ކުރީގައ އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ވަރަށް ފިޒިިކަލް ކުޅުމެއް ފެނިގެންދިޔައިރު، އާސެނަލް އިން ލީޑު ފުޅާކުރި ލަނޑު މެޗުގެ 60 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ގެބްރިއަލް އެވެ.
މީގެ އިތުރުން މިހާފުގައި އެވަޓަންގެ ތިން ކުޅުންތެރިއެއްގެ އިތުރުން އާސެނަލްގެ ދެކުޅުންތެރިއަކަށް މެޗުގެ ރެފްރީ ރީނދޫ ކާޑު ދައްކާފައިވާއިރު، މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-0 ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު އަށް މެޗުން އާސެނަލްއަށް 21 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި އެވަޓަން އިން ލީގުގައި ކުޅުނު އަށް މެޗުން ހޯދި 10 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ނުވަ ވަނައިގައެވެ.








