








ޖެކްސަން ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ...
އިނގިރޭސި ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހު ހަވީރު އަމިއްލަ ދަނޑުގައި މެންޗެސްޓާ ސިޓީ އާއި ދެކޮޅަށް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެސްޓަން ވިލާ އިން ތާވަލުގެ ހަވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ލީގުގައި މެންޗެސްޓާ ސިޓީ އިން މިސީޒަނުގައި ކުޅުނު ހަތް މެޗުން ވެސް މޮޅުވެފައިވާއިރު، މިއީ މިސީޒަނުގައި ލީގު މެޗެއްގައި އެޓީމު ބަލިވި ފުރަތަމަ މެޗެވެ. އަދި އެސްޓަން ވިލާ އިން ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 1-0 ގެ ނަތީޖާއަކުން ނިއުކާސަލް ބަލިކޮށްފައެވެ.
ބާމިންހަމްގެ ވިލާ ޕާކްގައި ކުޅުނު މިމެޗުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ވަރަށް ކުރީކޮޅު އެސްޓަން ވިލާ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ.
މިލަނޑު ފުރަތަމަ ހާފުގެ ހަވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ސެނަގާލް ފޯވާޑް ނިކޮލަސް ޖެކްސަން އެވެ. މިލަނޑާއެކު 1-0 ގެ ނަތީޖާއަކުން އެސްޓަން ވިލާ ކުރީގައި އޮވެގެން ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު، މެންޗެސްޓާ ސިޓީ އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 52 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ނޯވޭ ފޯވާޑް އެރްލިން ހާލަންޑްއެވެ.
ނަމަވެސް އޭގެ އަށް މިނެޓް ފަހުން މެޗުގެ 60 ވަނަ މިނެޓުގައި ޖެކްސަން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި ދެވަނަ ފަހަރަށް އެސްޓަން ވިލާއަށް ލީޑު ހޯދައިދީފައެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން އެސްޓަން ވިލާ ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު އަށް މެޗުން ހޯދި 11 ޕޮއިންޓާއެކު އެސްޓަން ވިލާ މިވަގުތު ތާވަލުގެ ހަވަނައިގައި އޮތްއިރު، މިމެޗުން ބަލިވި މެންޗެސްޓާ ސިޓީ އިން ލީގުގައި ކުޅުނު އަށް މެޗުން ހޯދި 21 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ އެއްވަނައިގައެވެ.








