








އެމްއެންޔޫ އާއި ވިލާ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް
މިހާރު ކުރިއަށްދާ ގާފު އައިޔޫއެމްއެސްޔޫ ބީޗް ހޭންޑްބޯޅަ ފިއެސްޓާ 2026 ގެ ފިރިހެން ޑިވިޝަންގައި މިރޭ ކުޅުނު ފުރަތަމަ މެޗުގައި ފަސޭހަކަމާއެކު 2-0 ގެ ނަތީޖާއަކުން އެމްއެންޔޫ ބަލިކޮށް ވިލާ ކޮލެޖް ސްޓޫޑެންޓް އެސޯސިއޭޝަން (ވީސީއެސްއޭ) އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގެ ބީޗް ހޭންޑްބޯޅަ ކޯޓުގައި ކުޅުނު މިމެޗުގެ ފުރަތަމަ ސެޓް ވީސީއެސްއޭ އިން ކާމިޔާބުކުރީ 13 ޕޮއިންޓްގެ ބޮޑު ލީޑަކާއެކު 9-22 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.
މެޗުގެ ދެވަނަ ސެޓުގައި އެމްއެންޔޫ އިން ކުޅުން ރަނގަޅުކުރިއިރު، މިސެޓުގައި ދެޓީމުގެ ފަރާތުން ފެނިގެންގޮސްފައިވަނީ ވަރަށް ވާދަވެރި ކުޅުމެކެވެ. އަދި މިސެޓް ވީސީއެސްއޭ އިން ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު 8-9 ގެ ނަތީޖާއަކުންނެވެ.
އެގޮތުން މިމެޗުގައި ވީސީއެސްއޭގެ އަފްއާން 11 ޕޮއިންޓް ކާމިޔާބުކުރިއިރު، އެޓީމު ޒައިދު، އަދްޔަން އަދި އަޔާން މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި ހަ ޕޮއިންޓް ކާމިޔާބުކޮށްފައެވެ. އަދި އެޓީމުގެ އަނެއް ދެ ޕޮއިންޓް ކާމިޔާބުކޮށްދިނީ ރާޒިން އެވެ.
މީގެ އިތުރުން މިމެޗުގައި އެމްއެންޔޫގެ ރިޒްޚާން އަށް ޕޮއިންޓް ކާމިޔާބުކުރިއިރު، އެޓީމުގެ ޖަޒްލާން ވަނީ ތިން ޕޮއންޓް ކާމިޔާބުކޮށްފައެވެ. އަދި އެޓީމުގެ ލޫތް، އަލްސަން އަދި އަޔާޒް މިއިން ކޮންމެ ކުޅުންތެރިއަކު ދެ ޕޮއިންޓް ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވީސީއެސްއޭގެ މުހައްމަދު އަފްއާން އާތިފް އެވެ.
އޮކްޓޯބަރު 2026 އިން 31 އޮކްޓޯބަރު 2026 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގެ ފިރިހެން ޑިވިޝަންގައި މިއަހަރު ޖުމްލަ ފަސް ޓީމަކުން ވާދަކުރަމުންދާއިރު، މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ.




