








އައިޔޫއެމްއެސްޔޫ އާއި ޒިކުރާ ވާދަކުރި މެޗުގެ ތެރެއިން..ފޮޓޯ: ގާފު ސްޕޯޓްސް
މިހާރު ކުރިއަށްދާ ގާފު އައިޔޫއެމްއެސްޔޫ ބީޗް ހޭންޑްބޯޅަ ފިއެސްޓާ 2026 ގެ އަންހެން ޑިވިޝަންގައި މިރޭ ކުޅުނު ތިންވަނަ މެޗުގައި ފަސޭހަކަމާއެކު 2-0 ގެ ނަތީޖާއަކުން އައިޔޫއެމްއެސްޔޫ ބަލިކޮށް ޒިކުރާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގެ ބީޗް ހޭންޑްބޯޅަ ކޯޓުގައި ކުޅުނު މިމެޗުގެ ފުރަތަމަ ސެޓް ހަ ޕޮއިންޓްގެ ލީޑަކާއެކު 5-11 ގެ ނަތީޖާއަކުން ޒިކުރާ އިން ކާމިޔާބުކުރިއިރު، މެޗުގެ ދެވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ ފަސް ޕޮއިންޓްގެ ލީޑަކާއެކު 8-13 ގެ ނަތީޖާއަކުންނެވެ.
އެގޮތުން މިމެޗުގައި ޒިކުރާގެ އަލްވާ އާދިލް 14 ޕޮއިންޓް ކާމިޔާބުކުރިއިރު، އެޓީމުގެ ޝަހާމާ އަލީ ހާޝިމް ވަނީ އަށް ޕޮއިންޓް ކާމިޔާބުކޮށްފައެވެ. އަދި އެޓީމުގެ އަނެއް ދެ ޕޮއިންޓް ކާމިޔާބުކޮށްދިނީ އާމިނަތު އާޝާއެވެ.
މީގެ އިތުރުން މިމެޗުގައި އައިޔޫއެމްއެސްޔޫގެ ފާތުމަތު ރަމްޒިއްޔާ ހަ ޕޮއިންޓް ކާމިޔާބުކުރިއިރު، އެޓީމުގެ އައިޝަތު ލުމްއާ ރަޝީދު ވަނީ ހަތަރު ޕޮއިންޓް ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރުން މިމެޗުގައި އައިޔޫއެމްއެސްޔޫގެ އާމިނަތު ރިފާ އަބްދުލް ޣަނީ ދެ ޕޮއިންޓް ކާމިޔާބުކުރިއިރު، އެޓީމު މަރިޔަމް މާޝާ ވަނީ އެއް ޕޮއިންޓް ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޒިކުރާގެ އަލްވާ އާދިލް އެވެ.
24 އޮކްޓޯބަރު 2026 އިން 31 އޮކްޓޯބަރު 2026 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގެ އަންހެން ޑިވިޝަންގައި މިއަހަރު ޖުމްލަ ހަތަރު ޓީމަކުން ވާދަކުރަމުންދާއިރު، މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ.




