
-
އައްޑޫ ސިޓީގެ ގަން އިންޓަރނޭޝަނަލް އެއާޕޯޓުގައި މޫސުމާ ބެހޭ އައު އޮފީހަކާއި، އެންމެ ފަހުގެ ޒަމާނީ އެސް-ބޭންޑް ޑޮޕްލަރ ވެދަރ ރާޑަރެއް ބެހެއްޓުމަށްޓަކައި ވާންޖެހޭ ތައްޔާރީތަކުގެ ތެރެއިން ބިން ސާފުކުރުމާއި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާން ފަށައިފިއެވެ.
މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ އިމާރާތް އެޅުމަށް ކަނޑައެޅިފައިވާ ބިން އެއްކޮށް ސާފުކުރުމުގެ މަސައްކަތާއި، އެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސީސީޓީވީ ސެކިއުރިޓީ ކެމެރާތައް ހަރުކުރުމުގެ މަސައްކަތެވެ.
މި މަސައްކަތްތައް ނިމުމާއެކު، އައު މެޓް އޮފީހުގެ އިމާރާތާއި ޒަމާނީ ރާޑަރު ބެހެއްޓުމުގެ މައިގަނޑު ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.
އައްޑޫ އެއާޕޯޓުގައި އަލަށް ޤާއިމުކުރެވޭ އެސް-ބޭންޑް ޑޮޕްލަރ ވެދަރ ރާޑަރަކީ، ރާއްޖޭގެ ދެކުނުގެ ސަރަޙައްދުގެ މޫސުމީ ޙާލަތު ކުރިއަށްވުރެ މާ ބޮޑަށް ދެނެގަތުމަށާއި، ވިއްސާރައާއި ކޮޅިގަނޑުތައް އަންނަ މިސްރާބު ދުރާލައި ދެނެގަނެ ރައްޔިތުންނަށް އަވަސް އިންޒާރު ފޯރުކޮށްދިނުމުގެ ޤާބިލުކަން އިތުރުވެގެންދާނެ ވަރަށް މުހިންމު ޒަމާނީ ވަސީލަތެކެވެ. މީގެއިތުރުން، އެ ސަރަޙައްދުގެ ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމަށްޓަކައި ވެސް މި ރާޑަރުން ބޮޑު ދައުރެއް އަދާކުރާނެއެވެ.
މި މަޝްރޫޢު އެއްކޮށް ނިމި ޚިދުމަތް ދޭން ފެށުމުން، މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) ގެ ޚިދުމަތްތައް ލާމަރުކަޒީވެ، ދެކުނުގެ އަތޮޅުތަކުގައި މޫސުމީ މަޢުލޫމާތު އެއްކުރުމާއި ދިރާސާކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެއެވެ.



.jpeg?w=3840&q=75)




.jpeg?w=3840&q=75)



