


.jpeg?w=3840&q=75)





-
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެކި އަތޮޅުތަކުގެ ރަށްރަށަށް ބޯކޮށް ވާރޭވެހި، މަގުތަކުގައްޔާއި މީހުން ދިރިއުޅޭ ގެތަކުގައި ފެންބޮޑުވަމުންދާތީ، އާންމު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައްޔާއި ފެން ހިންދުމުގެ މަސައްކަތުގައި ކައުންސިލްތަކާއި އެހެނިހެން މުއައްސަސާތަކާ ގުޅިގެން ފުލުހުން މެދުކެނޑުމެއްނެތި ހަރަކާތްތެރިވާން ފަށައިފިއެވެ.
އެގޮތުން ހދ. އަތޮޅާއި، ނ. އަތޮޅާއި، ބ. އަތޮޅު އަދި ޅ. އަތޮޅުގެ ގިނަ ރަށްތަކެއްގައި ފެންބޮޑުވެގެން ރިޕޯޓުކުރުމާ ގުޅިގެން ފުލުހުން ދަނީ އެހީތެރިކަން ދެމުންނެވެ.
ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ހދ. އަތޮޅަށް ބަލާއިރު، ކުޅުދުއްފުށި ސިޓީގެ 100 އަށްވުރެ ގިނަ ގެއަށާއި އެ އަތޮޅު ނޮޅިވަރަމުގެ 20 ގެއަކަށް ފެންވަދެ ގެއްލުންތައް ވަނީ ލިބިފައެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، ނޮޅިވަރަމުން ހާލަތު ގޯސްވި ތިން ގެއެއްގެ މީހުން ވަނީ ރައްކާތެރި އެހެން ގެތަކަށް ބަދަލުކޮށްފައެވެ.
އަދި އެ ރަށު މަގުތަކުން ފެން ހިންދުމަށް މިހާތަނަށް ހަތަރު ކޯރު ކަނޑާފައިވާއިރު، ފަސްވަނަ ކޯރު ކެނޑުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
މީގެއިތުރުން ހދ. ނޭކުރެންދޫގެ ތިން ގެއަކަށާއި ފިހާރައަކަށް ފެންވަދެފައިވާތީ ވެލިބަސްތާ ޖަހައި ރައްކާތެރިކަން ވަނީ ހޯދައިދީފައެވެ. ހދ. ކުމުންދޫ ގެއަކަށް ފެންވަދެ ހިފާގެންގުޅޭ ތަކެއްޗަށް ގެއްލުންވެފައިވާއިރު، ކައުންސިލާ ގުޅިގެން މަގުމަތިން ފެން ހިންދުމުގެ މަސައްކަތް ފުލުހުން ވަނީ ކޮށްފައެވެ. އަދި ކުޅުދުއްފުށި ސިޓީއާއި ނޮޅިވަރަންފަރުގެ އިތުރުން ހދ. ފިނޭގެ މަގުތަކުގައި ބޮޑުވި ފެންގަނޑު ހިންދުމަށްވެސް އާންމުންނާއި މުއައްސަސާތަކާ ގުޅިގެން ފުލުހުން ވަނީ މަސައްކަތްކޮށްފައެވެ.
ޅ. އަތޮޅުގެ ތިން ރަށެއް ކަމަށްވާ ކުރެންދޫ، ހިންނަވަރު އަދި ނައިފަރަށް ބޯކޮށް ވާރޭވެހި، މަގުތަކުގައި ފެންބޮޑުވެ ގޭގެއަށް ފެންވަންނަމުން ދާތީ މިއަދު ހެނދުނު 09:30 އިން ފެށިގެން ފުލުހުން ދަނީ އެ ރަށްރަށުގައި ހަރަކާތްތެރިވަމުންނެވެ. އެގޮތުން ކައުންސިލްތަކާއި ކުންފުނިތަކާ ގުޅިގެން ޕަންޕު ބޭނުންކޮށްގެން މަގުތަކުން ފެން ހިންދުމާއި، ފެންވަންނަ ގޭގޭގެ ދޮރުމަތީގައި ވެލިބަސްތާ ޖެހުމުގެ އިތުރުން ގޭގެއިން ފެން ހިއްކުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
މީގެ އިތުރުން، ބ. ކުޑަރިކިލަށް ވެހުނު ބޯވާރޭގައި ރަށު ތެރޭގައި ފެންބޮޑުވެ، ގޭގެއަށާއި އެކި އިމާރާތްތަކަށް ފެން ވަދެފައިވާތީ، އެ ރަށު ކައުންސިލާއި މުއައްސަސާތައް ގުޅިގެން މިއަދު ހެނދުނު 09:30 ހާއިރު ވަނީ ފެން ހިންދުމުގެ މަސައްކަތް ފަށާފައެވެ. އަދި ނ. ލަންދޫއަށް މިއަދު ފަތިހުން ފެށިގެން ވެހުނު ވާރޭގައި ބައެއް ގެތަކަށް ފެންވަދެފައިވާތީ، އިތުރަށް ފެންވަނުން ހުއްޓުވުމަށް އެ ގެތަކުގެ ވަށައިގެން ވެލިބަސްތާ ޖެހުމުގައި ލަންދޫ ޕޮލިސް ޕޯސްޓުން ވަނީ އެހީތެރިކަން ދީފައެވެ.
ވިއްސާރައާ ގުޅިގެން ރަށްރަށަށް ދިމާވެފައިވާ ފެންބޮޑުވުމުގެ ހާލަތުން އަވަހަށް އަރައިގަތުމަށާއި، ރައްޔިތުންގެ މުދަލާއި ގެދޮރު ރައްކާތެރިކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކާއި ކައުންސިލްތަކާ ގުޅިގެން ފުލުހުންގެ ޚިދުމަތުން ދަނީ ހުއްޓުމެއްނެތި މަސައްކަތް ކުރަމުންނެވެ.



.jpeg?w=3840&q=75)


.jpeg?w=3840&q=75)

