
-
ޔުނައިޓެޑް ޢަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ މިނިސްޓްރީ އޮފް އިންޓީރިއާއިން އިސްނަގައިގެން ބައިނަލްއަޤްވާމީ ފެންވަރުގައި ކުރިއަށްގެންދިޔަ "އޮޕަރޭޝަން ކޮންފްރަންޓޭޝަން ގޯސްޓް" ގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި-ސްކޭމް ސެންޓަރުން ބައިވެރިވެ، ރާއްޖޭގައި ހިންގި ސްކޭމްގެ މައްސަލަތަކުގައި ޢާންމުންނަށް ގެއްލުނު ފައިސާގެ ތެރެއިން 3.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަނބުރާ ހޯދައިދީފިއެވެ.
ޑިޖިޓަލް ވަސީލަތްތަކާއި އިންޓަނެޓް މެދުވެރިކޮށް ހިންގާ މާލީ ކުށްތައް ހުއްޓުވުމަށް އިންޓަޕޯލްއާއި ދުނިޔޭގެ 30 ޤައުމެއްގެ އިދާރާތައް ގުޅިގެން، މިއަހަރުގެ ޖުލައި 1 އިން ސެޕްޓެމްބަރު 30 ގެ ނިޔަލަށް ހިންގި މި އޮޕަރޭޝަނުގައި ރާއްޖޭގެ އެންޓި-ސްކޭމް ސެންޓަރަށް 544 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އެ މައްސަލަތަކުގައި ރައްޔިތުންނަށް ޖުމްލަ 5،256،101.97 (ފަސް މިލިއަން ދެ ލައްކަ ފަންސާސް ހަ ހާސް އެއްސަތޭކަ އެއް ރުފިޔާ ނުވަދިހަ ހަތް ލާރި) ގެ މާލީ ގެއްލުން ލިބިފައިވާއިރު، ފުލުހުން ވަގުތުން އެޅި ހަލުވި ފިޔަވަޅުތަކުން އޭގެ ތެރެއިން 3،104،075.38 (ތިން މިލިއަން އެއްލައްކަ ހަތަރު ހާސް ފަންސަވީސް ރުފިޔާ ތިރީސް އަށް ލާރި) ވަނީ އަނބުރާ ހޯދައިދީފައެވެ. މިއީ ގެއްލުނު ފައިސާގެ 59.1 އިންސައްތައެވެ.
މި އޮޕަރޭޝަނުގެ ތެރެއިން ދިވެހި ފުލުހުން ވަނީ ސްކޭމްތަކާ ގުޅުންހުރި ކަމަށް ބެލެވޭ 847 މީހަކު ތުހުމަތުކުރެވޭ ފަރާތްތަކުގެ ގޮތުގައި ދެނެގަނެ، 17 މީހަކު ހައްޔަރުކޮށްފައެވެ. އަދި ފައިސާ އިތުރަށް ދައުރުވިޔަ ނުދިނުމަށްޓަކައި، ބޭންކުތަކާ ގުޅިގެން ތުހުމަތުކުރެވޭ 1،088 ބޭންކު އެކައުންޓެއް ވަނީ ވަގުތީގޮތުން ފްރީޒްކޮށް ހިފަހައްޓާފައެވެ.
ރާއްޖޭގައި ހުށަހެޅުނު މައްސަލަތަކަށް ބަލާއިރު އެންމެ ގިނައީ އޮންލައިން ވިޔަފާރީގެ ނަމުގައި ހިންގާފައިވާ ސްކޭމްތަކެވެ. އެގޮތުން އީ-ކޮމާސްގެ 230 މައްސަލައަކާއި، ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގި 107 މައްސަލައެއް ރެކޯޑްކުރެވިފައިވެއެވެ. މީގެއިތުރުން، ބުކިން ކެންސަލްކުރުމާއި ރީފަންޑް ދިނުމުގެ ނަމުގައި އޮޅުވާލައިގެން ހިންގި 80 މައްސަލައަކާއި، އެކި ފަރާތްތަކުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ 43 މައްސަލައަކާއި، އިންވެސްޓްމަންޓް ސްކޭމްގެ 32 މައްސަލައެއްގެ އިތުރުން ލޯބީގެ ގުޅުންތައް ދައްކައިގެން ހިންގި ސްކޭމްތައްވެސް ވަނީ ފާހަގަކުރެވިފައެވެ.
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެންނާއި އޮންލައިންކޮށް ބިރުދައްކައިގެން ފައިސާ ހޯދުމުގެ ކުށްތައް ހުއްޓުވުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގައި، މުޅި ދުނިޔެއިން 960 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށް، ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 39 ބިލިއަން އެމެރިކާ ޑޮލަރު ވަނީ ދެނެގަނެވިފައެވެ. މި އޮޕަރޭޝަނުގެ ނަތީޖާތައް ރަސްމީކޮށް ހާމަކޮށްފައިވަނީ އޮސްޓްރިއާގެ ވިއެނާގައި ބޭއްވުނު އދ. ގެ ޓްރާންސްނެޝަނަލް އޯގަނައިޒްޑް ކްރައިމާ ބެހޭ މުޢާހަދާގެ 13 ވަނަ ކޮންފަރެންސްގައެވެ.
ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން ވަނީ މި އޮޕަރޭޝަނުގެ މުއްދަތުގައި، ޢާންމު ރައްޔިތުން މިފަދަ ކަންކަމަށް ހޭލުންތެރިކުރުވުމުގެ ގޮތުން ޓީވީ ޕްރޮގްރާމްތަކާއި އެހެނިހެން ޙަރަކާތްތައް ހިމެނޭހެން 34 ޙަރަކާތެއް ކާމިޔާބުކަމާއެކު ހިންގާފައެވެ.



.jpeg?w=3840&q=75)




.jpeg?w=3840&q=75)





.jpeg?w=3840&q=75)

