





ސުނާމީ ކޮމިއުނިޓީ ރެޑިނަސް ސްޓޭކްހޯލްޑަރ ކޮންސަލްޓޭޝަން ކުޅުދުއްފުށި ސިޓީގައި ފަށައިފި
ޔުނެސްކޯ-އައިއޯސީ (UNESCO-IOC) ގެ ސުނާމީ ރެޑީ ރިކޮގްނިޝަން ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ "ސުނާމީ ކޮމިއުނިޓީ ރެޑިނަސް ސްޓޭކްހޯލްޑަރ ކޮންސަލްޓޭޝަން" ކުޅުދުއްފުށި ސިޓީގައި ރަސްމީކޮށް ފަށައިފި އެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ މި ވޯކްޝޮޕް މި މަހުގެ 21 ވަނަ ދުވަހު ފަށައިގެން 24 ވަނަ ދުވަހު ހަމައަށް ކުރިއަށްދާއިރު، މިއީ އެންޑީއެމްއޭ، ކުޅުދުއްފުށީ ސިޓީ ކައުންސިލް އަދި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
އެންޑީއެމްއޭ އިން ބުނީ މި ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް އަލްފާޟިލާ ޢާއިޝަތު ޞަފޫރާ އާއި ކުޅުދުއްފުށި ސިޓީގެ މޭޔަރު އަލްފާޟިލް މުޙައްމަދު އާޠިފް ކަމަށެވެ.މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ ކަމާބެހޭ މުހިންމު ފަރާތްތައް އެއްތަންކޮށް، ސުނާމީގެ ނުރައްކާތެރިކަން ރައްކާތެރިވުމަށާއި، ކާރިސާތަކަށް މުޖުތަމައު ތައްޔާރުވެފައިވާ މިންވަރު އިތުރަށް ހަރުދަނާކުރުންކަމަށް އެންޑީއެމްއޭ އިން ބުންޏެވެ. އަދި މި ޕްރޮގްރާމްގެ ސެޝަންތައް ބިނާވެފައިވަނީ ޔުނެސްކޯ-އައިއޯސީ ގެ މިންގަނޑުތަކާ އެއްގޮތަށް، ސުނާމީގެ ކާރިސާތަކަށް ތައްޔާރުވުމުގެ ގާބިލުކަން އިތުރުކުރުމާއި، އަދި އިޖާބަދިނުމުގެ ރޫހު ވަރުގަދަކުރުމުގެ މައްޗަށްކަމަށާއި، މިއީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ސުނާމީއަށް ތައްޔާރުވެފައިވާ މުޖުތަމައެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކާއި އިންޑިކޭޓަރުތައް ފުރިހަމަކޮށް، ރަސްމީ ރެކޮގްނިޝަން ހޯދުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ އެންމެ ފަހުގެ ތައްޔާރީތަކުގެ ތެރެއިން ކުރިއަށްގެންދެވޭ މުހިންމު މަސައްކަތެއްކަމަށްވެސް އެންޑީއެމްއޭއިން ބުންޏެވެ.
HS4_tf2bUAAvJNX.jfif
އެންޑީއެމްއޭއިން ބުނީ މި ސެޝަންތަކުގައި ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ޕްލޭން އަދި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ޕްލޭނާ ގުޅޭގޮތުން މަޝްވަރާކުރުމުގެ އިތުރުން، ސުނާމީގެ ކާރިސާއެއްގައި އިޖާބަދޭނެ ގޮތް ބަޔާންކޮށް އެކުލަވާލާފައިވާ އެސް.އޯ.ޕީ ހުށަހަޅައި، އެ އެސް.އޯ.ޕީއަށް ބައިވެރިންގެ ފަރާތުން ކޮމެންޓްކޮށް ރިވިއުކުރުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައިވާ ކަމަށެވެ.މީގެއިތުރުން އެންޑީއެމްއޭއިން ބުނީ ކުޅުދުއްފުށި ސިޓީ ސުނާމީއެއްގެ ހާލަތަށް ތައްޔާރުވެތިބުމަށްޓަކައި، ރަށުތެރޭގައި އަމިއްލަ ގޮތުންނާއި މުއައްސަސާތަކުގެ ތެރޭގައި ހުރި، ބޭނުންހިފޭނެ ފަދަ ވަސީލަތްތައް ދެނެގަނެ "ރިސޯސް މެޕް" ކުރުމުގެ މަސައްކަތްވެސް މި ޕްރޮގްރާމްގެ ތެރެއިން ކުރިއަށްގެންގޮސްފައިވާ ކަމަށެވެ.





