
-
ހަރުދަނާ ޞިއްޙީ ނިޒާމެއްގެ އެންމެ މައިގަނޑު އަސާސަކީ ރައްކާތެރި، ފެންވަރު ރަނގަޅު ބޭހާމެދު ޢާންމު ރައްޔިތުންގެ މެދުގައި އޮންނަ ޔަޤީންކަމާއި ކުރާ އިތުބާރުކަން ފާހަގަކުރައްވައި، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ބޭސް ރެގިއުލޭޓްކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އިސްލާމްއާބާދުގައި ހުންނަ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީ އޮފް ޕާކިސްތާން (ޑްރެޕް) އަށް ޒިޔާރަތްކުރައްވައި އެ އިދާރާގެ އިސްވެރިންނާ މުޚާޠަބުކުރައްވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ހިމެނޭ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާއި ޑްރެޕް ދެމެދު ވެވުނު އެއްބަސްވުމަކީ ރެގިއުލޭޓަރީ ދާއިރާއިން ފަންނީ މަޢުލޫމާތާއި ތަޖުރިބާ ޙިއްޞާކޮށް، ގުޅުން ވަރުގަދަކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.
މީގެއިތުރުން، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމަށާއި ބޭހާއި ޞިއްޙީ ސާމާނުގެ ފެންވަރު އެންމެ މަތީ މިންގަނޑެއްގައި ބެލެހެއްޓުމަށް ޑްރެޕްގެ ޓީމުން އަދާކުރަމުންދާ އިސް ދައުރު ފާހަގަކުރައްވައި އެކަމަނާ ވަނީ އެ އިދާރާއަށް ތަޢުރީފު ކުރައްވާފައެވެ.
މި ޒިޔާރަތުގެ ތެރެއިން ޑްރެޕްގެ އިސްވެރިންނާއި ފަންނީ މުވައްޒަފުން ވަނީ އެ އޮތޯރިޓީން ގެންގުޅޭ އުޞޫލުތަކާއި ކުރިއަށްގެންދާ ރެގިއުލޭޓަރީ މަސައްކަތްތަކުގެ ތަފްޞީލީ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާ ޙިއްޞާކުރައްވާފައެވެ.
މި ބައްދަލުވުމުގެ ސަބަބުން ރާއްޖެއަށް އެތެރެކުރާ ބޭހުގެ ފެންވަރާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ދެ ޤައުމުގެ ކަމާބެހޭ މުއައްސަސާތަކުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.
















