








-
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގެ ރައީސް އާޞިފް ޢަލީ ޒަރުދާރީއާ މިއަދު ރަސްމީކޮށް ބައްދަލުކުރައްވައިފިއެވެ.
އިސްލާމްއާބާދުގައި ހުންނަ ޕާކިސްތާނުގެ ރިޔާސީ ގަނޑުވަރު "އީވާނޭ ޞަދްރު" ގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ރައީސުން ވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ އަޚުވަންތަ ގުޅުން މުރާޖަޢާ ކުރައްވައި، ދެފަރާތުގެ ޢާންމު މަޞްލަޙަތު ހިމެނޭ އެކިއެކި ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމުގެ މިސްރާބު ހުރީ ވަރަށް ހެޔޮ ދިމާއަކަށް ކަން ފާހަގަކުރައްވައި، އެކަމާ މެދު ދެ ލީޑަރުންވެސް ހިތްހަމަޖެހުން ފާޅުކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މުހިންމު ކަންކަމާމެދު ދެ ރައީސުން ޚިޔާލު ބަދަލުކުރެއްވިއެވެ. އެގޮތުން، ބައިނަލްއަޤްވާމީ މައްސަލަތައް ޙައްލުކުރުމުގައި މަޝްވަރާއާއި، ޑިޕްލޮމަސީއާއި، ޤައުމުތަކުގެ އިސްތިޤްލާލަށް އިޙްތިރާމްކުރުމުގެ މުހިންމުކަން ދެ ލީޑަރުންވެސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، އދ. ގެ ޤަރާރުތަކާ އެއްގޮތަށް ފަލަސްޠީނުގެ ރައްޔިތުންނަށް އެމީހުންގެ ޙައްޤުތައް ހޯދައިދިނުމަށާއި، މިނިވަން މުސްތަޤިއްލު ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމަށް ދެ ޤައުމުން އަބަދުވެސް ސާބިތުކަމާއެކު ތާއީދުކުރާނެ ކަމަށް ދެ ބޭފުޅުން ވަނީ އަލުން ކަށަވަރުކޮށްދެއްވާފައެވެ.
މި ރަސްމީ ބައްދަލުކުރެއްވުމުގައި ދިވެހި ވަފުދުގެ ފަރާތުން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމާއި، ދިފާޢީ ވަޒީރު ޙަސަން ރަޝީދާއި، ދާޚިލީ ވަޒީރު ޢަލީ އިޙްސާނާއި، އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދުގެ އިތުރުން ރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ޠޯހާ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޕާކިސްތާނުގެ ފަރާތުން ޑެޕިއުޓީ ޕްރައިމް މިނިސްޓަރު މުޙައްމަދު އިސްޙާޤު ދާރުއާއި، ދާޚިލީ ވަޒީރު ސައްޔިދު މުޙްސިން ނަޤްވީއާއި އެ ޤައުމުގެ އިސް ސެނެޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.








