








-
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ ރަސްމީ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ދެ ޤައުމުގެ ދެމެދުގައިވާ އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުން އައު އުސްމިންތަކަކަށް ގެންދިއުމަށް މުހިންމު އެއްބަސްވުންތަކެއްގައި ވަނީ ސޮއިކޮށްފައެވެ.
މިއީ ވޭތުވެދިޔަ 11 އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ދެ ޤައުމުގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކުރެއްވި މި ދަތުރުފުޅުގެ އެންމެ ބޮޑު އެއް އަމާޒަކީ ވިޔަފާރިއާއި އިޤްތިޞާދީ މަންފާ ދެ ޤައުމުގެ ރައްޔިތުންނަށް ހޯދައިދިނުމެވެ.
މި ދަތުރުފުޅުގެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު މަތިކުރުމަށް ކަނޑައެޅި ބޮޑު އަމާޒެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފް ވަނީ، މިހާރު 13.9 މިލިއަން ޑޮލަރުގައި ހުރި ދެ ޤައުމުގެ ވިޔަފާރީގެ މުޢާމަލާތްތައް، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ދެ ޤައުމުން އެއްބަސްވެފައިވާކަން އިޢުލާނުކުރައްވާފައެވެ. ރައީސް ޑރ. މުޢިއްޒު ވަނީ މި އަމާޒަށް ފުރިހަމައަށް ތާއީދުކުރައްވައިފައެވެ.
ކޮމާޝަލް އަދި ވިޔަފާރީގެ ގުޅުން އަމަލީގޮތުން ފުޅާކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އާއި ޕާކިސްތާނުގެ ޓްރޭޑިންގ ކޯޕަރޭޝަން (ޓީސީޕީ) އާ ދެމެދު ވަނީ މުހިންމު ފަހުމުނާމާއެއް (އެމްއޯޔޫ) ގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ދަނޑުވެރިކަމުގެ އުފެއްދުންތަކާއި، ކާބޯތަކެތި އަދި އެހެނިހެން މުދާ ވިޔަފާރިކުރުމުގައި ދެ ފަރާތުން ގުޅިގެން މަސައްކަތްކުރާނެއެވެ.
ރައީސް ޑރ. މުޢިއްޒާއި ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ދެމެދު ބޭއްވުނު މަތީ ފަންތީގެ މަޝްވަރާތަކުގައި އިޤްތިޞާދީ ގުޅުންތަކަށް ވަނީ ވަރަށް ބޮޑަށް އިސްކަންދީފައެވެ. އެގޮތުން ދެ ޤައުމުގެ ލީޑަރުން ވަނީ ގިނަ ދާއިރާތަކުން ގުޅުން ފުޅާކުރުމަށް އެއްބަސްވެވަޑައިގެންފައެވެ:
މި ކަންކަމުގެ އިތުރުން، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ޖުމްލަ 20 އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، މިއީ ދެ ޤައުމުގެ އިޤްތިޞާދީ މުސްތަޤުބަލަށް ހުޅުވިގެންދިޔަ ތަނަވަސް އައު މަގުތަކެކެވެ.








