








-
ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ވަރުގަދަ ސިޔާސީ އެކުވެރިކަމާއި އިތުބާރު، ވިޔަފާރިއާއި، އިންވެސްޓްމަންޓާއި، ދަތުރުފަތުރާއި ރައްޔިތުންގެ ގުޅުންތައް އިތުރުކުރެވޭނެ ހަރުދަނާ އިޤްތިޞާދީ ބައިވެރިވުމަކަށް ބަދަލުކުރުމަށް ޕާކިސްތާނުގެ ރައީސް އާޞިފް ޢަލީ ޒަރުދާރީ ގޮވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޒަރުދާރީ ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި އޮތީ އިސްލާމީ އެއްބަނޑުއެއްބަފާކަމާއި އެއް ޤައުމު އަނެއް ޤައުމުގެ މިނިވަންކަމަށް ކުރާ އިޙްތިރާމުގެ މައްޗަށް ބިނާވެފައިވާ ވަރަށް ޚާއްޞަ އަޚުވަންތަ ގުޅުމެއް ކަމަށެވެ.
އަދި ޚާރިޖީ ގުޅުމަށް 60 އަހަރު ފުރޭ ދަނޑިވަޅުގައި ރައީސް މުޢިއްޒު ކުރެއްވި މި ދަތުރުފުޅުގެ ސަބަބުން، ދެ ޤައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް އައު ބާރެއް ލިބިގެން ގޮސްފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޕާކިސްތާނުން ޒަމާނުއްސުރެ ރާއްޖޭގެ ތަރައްޤީއަށް ވެދެމުން އަންނަ އެހީތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ޒަރުދާރީ ވަނީ، މާލޭގައި ހުންނަ ރައްޔިތުންގެ މަޖިލީހުގެ ޢިމާރާތާއި މެޑިކަލް ސުކޫލަކީ ދެ ޤައުމުގެ އެކުވެރިކަމުގެ ދެމިހުރި މުހިންމު ރަމްޒުތަކެއްކަން ފާހަގަކުރައްވާފައެވެ.
އަދި ތަޢުލީމާއި، ޞިއްޙަތާއި، އިންސާނީ ވަސީލަތް ތަރައްޤީކުރުމާއި، އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމުގައި ރާއްޖެއަށް އެހީތެރިވުމުގައި ޕާކިސްތާނުން އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
މީގެއިތުރުން، މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ނާޒުކު ގޮންޖެހުންތައް ފާހަގަކުރައްވައި، މޫސުމީ ވިލުންތެރިކަން އިތުރުކުރުމަށާއި ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާއިން ރާއްޖެއަށް އެއްބާރުލުން ދިނުމަށް ޕާކިސްތާން އޮތީ ތައްޔާރަށް ކަމަށް ރައީސް ޒަރުދާރީ ވިދާޅުވިއެވެ.
އެގޮތުން، ރައީސް މުޢިއްޒު އިސްނަންގަވައިގެން ރާއްޖޭގައި ކުރިއަށްގެންދަވާ 5 މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރޫޢަށް އެހީތެރިވުމުގެ މަސައްކަތް ޕާކިސްތާނުން ފުރިހަމައަށް ކުރިއަށް ގެންދާނެ ކަމަށްވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.








