








-
އަންހެނުން ބާރުވެރިކުރުވުމަށާއި، ޒުވާނުން ތަރައްޤީކުރުމުގެ އިތުރުން ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދާއި، ޕާކިސްތާނުގެ ފަސްޓް ލޭޑީ ބީބީ އާޞިފާ ބުއްޓޫ ޒަރުދާރީ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ޕާކިސްތާނުގެ ރިޔާސީ ގަނޑުވަރު "އީވާނޭ ޞަދްރު" ގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި ދެ ބޭކަނބަލުން ވަނީ، ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ އަޚުވަންތަ ގުޅުމުގެ މައިގަނޑު އެއް ތަނބަކީ އަންހެނުންނާއި ޒުވާނުން ކުރިއެރުވުން ކަމުގައި ފާހަގަކުރައްވާފައެވެ.
މެޑަމް ސާޖިދާއަށް މަރުޙަބާ ވިދާޅުވަމުން އާޞިފާ ބުއްޓޫ ވަނީ، މެޑަމް ސާޖިދާގެ ޕްރޮފެޝަނަލް ޚިދުމަތްތަކަށް، ޚާއްޞަކޮށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގައި އަދާކުރެއްވި އިސް ދައުރަށާއި ކޯވިޑް-19 ގެ ދުވަސްވަރު ޢާންމު ޞިއްޙަތު ރައްކާތެރިކުރުމަށް ކޮށްދެއްވި މަސައްކަތްޕުޅުތަކަށް ވަރަށް ބޮޑަށް ތަޢުރީފު ކުރައްވާފައެވެ. އަދި ސްކޫލްތައް ދޫކޮށްލާ ކުދިން މަދުކުރުމަށާއި މުޖުތަމަޢުގެ ނާޒުކު ފަރާތްތައް ބާރުވެރިކުރުވުމަށް މެޑަމް ސާޖިދާ ކުރައްވާ މަސައްކަތްޕުޅުތައްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ފަސްޓްލޭޑިން ވަނީ އަންހެނުންގެ ލީޑަރޝިޕް، ތަޢުލީމު، ފަންނީ ހުނަރު، ފަތުރުވެރިކަން، ޒަމާނީ ދަނޑުވެރިކަން، ވިޔަފާރިވެރިކަން، ޢާންމު ޞިއްޙަތު އަދި އިޖުތިމާޢީ ތަރައްޤީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް އެއްބަސްވެވަޑައިގެންފައެވެ. ޕާކިސްތާނުގެ ފަސްޓް ލޭޑީ ވަނީ އެ ޤައުމުގައި އަންހެނުންނާއި ނިކަމެތި ޢާއިލާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ "ބޭނަޒީރު އިންކަމް ސަޕޯޓް ޕްރޮގްރާމް" (ބީއައިއެސްޕީ) އާއި ކުޑަކުދިންގެ ކާނާގެ ޙާލަތު ރަނގަޅުކުރުމަށް ހިންގާ "ނަޝްވުނުމާ" ޕްރޮގްރާމުގެ މަޢުލޫމާތުވެސް ޙިއްޞާކުރައްވާފައެވެ.
މީގެއިތުރުން، އުރަމަތީގެ ކެންސަރާ މެދު މުޖުތަމަޢު ހޭލުންތެރިކުރުވުމުގެ ރަމްޒެއްގެ ގޮތުން، ބީބީ އާޞިފާ ބުއްޓޫ ޒަރުދާރީ ވަނީ މެޑަމް ސާޖިދާ އަދި އެކަމަނާގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނަށް 'ޕިންކް ރިބަން' ވެދުމަށް އަރުވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އަރިހުގައި މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ޑރ. ގީލާ ޢަލީ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޕާކިސްތާނުގެ ފަރާތުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ވަޖީހާ ޤަމަރު، ސެނެޓަރ ރޫބީނާ ޚާލިދު އަދި ޤައުމީ މަޖިލީހުގެ މެންބަރު ޝާޒިއާ މައްރީ ބައިވެރިވެވަޑައިގެންނެވިއެވެ.








